އަތޮޅު ލީގުގައި ވާދަކުރާ ބެޑްމިންޓަން ޓީމްތަކަށް ތިބުމުގެ މައްސަލަ ދިމާވެފައި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އަތޮޅު ލީގުގައި ވާދަކުރާ ބެޑްމިންޓަން ޓީމްތަކަށް ތިބުމުގެ މައްސަލަ ދިމާވެފައި

އަންނަމަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އަތޮޅު ލީގުގައި ވާދަކުރާ ބެޑްމިންޓަން ޓީމްތައް މާލޭގޮސް ތިބުމުގެ އިންތިޒާމް ހަމަޖެއްސޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބެޑްމިންޓަން އެސޯސީއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއްވައިފިއެވެ. 


އެ އެސޯސިއޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މިމުބާރާތަށް އަތޮޅުތަކުން އަންނަ މީހުން ކުރިން ތިބެނީ ގަލޮޅު ދަނޑުގައި ހުންނަ ހައުސިން ބްލޮކުގައި ކަމަށެވެ. އެހެންނަމަވެސް އެތަން ބާވެ މަރާމާތު ކުރުމުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ކުރައްވަމުން ގެންދަވާތީ މިފަހަރު އެކޮމަޑޭޝަން ހަމަޖެއްސެންނެތް ވާހަކަ ޓީމްތަކަށް އަންގަވާފައިވާނެ ކަމަށެވެ.


ބެޑްމިންޓަން އެސޯސިއޭޝަނުން ވާހަކަ ދެއްކި ރިޝާން ވިދާޅުވީ ޓީމްތަކަށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އަދިވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އިތުރު ގޮތެއް އޮތްތޯ ބައްލަވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 


"އެސޯސިއޭޝަނުން އަދިވެސް މަސައްކަތް ކުރަމުން މިދަނީ އެކޮމަޑޭޝަން ހަމަޖައްސައިދެވޭތޯ. މި ކަމާ ބެހޭގޮތުން އެއްޗެއް ބުނަން ދެން އެނގޭނީ ތަންކޮޅެއް ފަހުން އޭނާ ވިދާޅުވިއެވެ. 


މާލޭގައި ތިބެވޭނެ އިންތިޒާމް މިފަހަރު ހަމަޖެއްސެންނެތް ވާހަކަ އެންގުމާއެކު ޓީމްތައްވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. 


އައްޑޫއިން މި މިމުބާރާތުގައި ދެ ޓީމް ބައިވެރިކުރެއެވެ. އެއީ ފިރިހެން ޓީމަކާއި އަންހެންޓީމެކެވެ. އެހެންނަމަވެސް މި ދިމާވި ކަމުގެ ސަބަބުން ކަންބޮޑުވާ ކަމަށް އެޓީމްތަކުން ބުނެފައިވެއެވެ. 


މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރގައެވެ. މުޅި މުބާރާތަށް ދެތިން ލައްކަ ރުފިޔާ ޚަރަދުވާ ކަމަށް އައްޑޫ ޓީމްތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް އެވަރުގެ ހޭދައެއް ކޮށްގެން ގޮސް ޗެމްޕިއަންކަން ލިބުނަސް މިލިބެނީ ފަސް ހާސް ރުފިޔާ ކަމަށް އެޓީމްތަކުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އަދި އެކޮމަޑޭޝަނަށް އިތުރު ފައިސާއެއް އަތުން ޚަރަދު ކުރަން ވެއްޖެ ކަމަށްވާނަމަ ވަރަށް ބޮޑު އެއްޗެއް އިތުރަށް އަތުން ޚަރަދުވާނެ ކަމަށްވެސް ޓީމްތަކުން ބުނެފައިވެއެވެ.

މިއަދު އޮންލައިން