ދުބާއީގެ ރޫލަރ، ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދް އަލްމަޚްތޫމް، އެމަނިކުފާނުގެ އަޑުފުޅުން، އެމަނިކުފާނު އިޝާރާތް ކުރައްވާ ގޮތަށް އިޝާރާތްކޮށްގެން ވާހަކަދައްކަން މަސައްކަތްކުރި 6 އަހަރުގެ މުހްރާ އާއި އޭނާގެ ޢާއިލާ ސިއްސުވާލައްވައިފިއެވެ.
މިދިއަ ހަފްތާގައި މުހްރާގެ ބައްޕަ ވަނީ މުހްރާ އެގޮތަށް ވާހަކަދައްކަނިކޮށް ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އޭނާ އެކަން ކުރީ ހަމަ މަޖަލަކަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުކުރަން ފެށުމުން ޝައިޚް މުޙައްމަދު، މުހްރާގެ މައުލޫމާތު އޮޅުންފިލުއްވެވީ އެކަމަށް އެދިވަޑައިގެން ޓްވީޓް ކުރައްވައިގެންނެވެ.
ހުކުރު ދުވަހު ހެނދުނު މީހަކު ދޮރުގައި ޓަކިޖަހާތީ ދޮރުހުލުވިއިރު ދޮރުމަތީގައި ހުންނެވީ ޝައިޚް މުޙައްމަދުއެވެ. ގޭގެ އެންމެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ގޭ ކުރިމަތީގައި އޮތް މޮޓޯކޭޑާއި ޝައިޚް މުޙައްމަދު ފެނުމުންނެވެ.
ގޭގެ މީހުންގެ އިޒުނައާއިއެކު ޝައިޚްވަނީ ގެއަށް ވަދެވަޑައިގެން މުހްރާ އުރުއްވައި ވަގުތުކޮޅެއް އޭނާ އާއިއެކު ހޭދަކުރައްވައިފައެވެ. މުހްރާ ލައްވައި އެގޮތަށް ވާހަކަ ދެއްކުމުގެ އިތުރުން ވަނީ ލަވައެއް ލިއުއްވައިފައެވެ.
ޢާއިލާ އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މުހްރާގެ ހުރިހައި ކަމެއްގެ ބެލެނިވެރިކަން އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފިކަމަށް ޝައިޚް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިން ސުވާލުކުރުމުން މުހްރާ ބުނީ ޝައިޚް މުޙައްމަދުގެ ޒިޔާރަތުގެ ސަބަބުން އޭނާއަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި ކުރިއަށްވުރެ އިތުރަށް ކިޔަވަންވެސް މަސައްކަތް ކުރާނެ ކަމަށާއި ޝައިޚް މުޙައްމަދު އެދިވަޑައިގެންނެވިފަދައިން އަބަދުވެސް އެއްވަނަ ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.
ޢާއިލާއިން ބުނީ އެއީ އެމީހުންފަދަ ބައަކު ދުވަހަކުވެސް އުންމީދުކުރިވެސް ކަމެއް ނޫން ކަމަށެވެ. އަދި އެއީ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޢާއިލާއަށް ދެއްވި އެހީފުޅު ހާމައެއް ނުކުރެއެވެ.
މުހްރާ އަކީ މިހާރުވެސް ކްލާހުން 1 ވަނަ ހޯދަމުން އަންނަ ކުއްޖެކެވެ. އަދި ލަވަކިޔުން ފަދަ ކަންކަމުގެ ކުރީސަފުގައި ހަރަކާތްތެރިވާ ދަރިވަރެކެވެ.
<iframe width="640" height="360" src="https://www.youtube.com/embed/BrqM6Jhw5do" frameborder="0" allowfullscreen></iframe>