ޔަމަންގެ ހޫތީ ހަނގުރާމަވެރިން ސައުދިއަރަބިޔާގެ ޖިއްދާ އެއާޕޯޓަށް ފޮނުވައިލި ބެލިސްޓިކް މިސައިލް ހަމަލާއެއް މައްކާ ކައިރިން ހުއްޓުވައި ވައްޓާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ހޫތީން އަތުގައި ހުރި އެންމެ ދުރައް ހަމަލާ ފޮނުވައިލެވޭ ބެލިސްޓިކް މިސައިލުން މިހަމަލާ ފޮނުވާލާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މައްކާ އާއި އެންމެ 65 ކިލޯ މީޓަރަށް ކައިރިވެފައިވަނިކޮށް މިސައިލް ވައްޓާލެވިފައިވާއިރު މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހޫތީން ބުނެފައިވަނީ ހަމަލާ ބަރކަން1 ބެލިސްޓިކް މިސައިލް ފޮނުވައިލީ ޖިއްދާގެ ކިންގ ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއާޕޯޓަށް ފޯރުވޭނެކަމުގެ ޔަޤީންކަމާއިއެކުގައި ކަމަށެވެ.
މިހަމަލާ އާއި ގުޅިގެން ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އީރާނާއި ގުޅިގެން މައްކާއަށް ހަމަލާދޭން ހޫތީން ކުރަމުންގެންދާ މަސައްކަތްތައް ހައްދުފަހަނައަޅައި ދިއައީ ކަމަށެވެ. އަދި މައްކާއަކީ މުސްލިމުންގެ އެންމެ މުޤައްދިސް ރަށް ކަމަށްވާއިރު މައްކާއަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެއް ކަމަށެވެ.