ވިކްޓަރީ ރެލިގޭޓް ނުވެ ސަލާމަތްވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ވިކްޓަރީ ރެލިގޭޓް ނުވެ ސަލާމަތްވެއްޖެ

ރެލިގޭޝަން ޕްލޭއޯފް ދެވަނަ ލެގުގައި ޒެފްރޯލް އަތުން 3-1 އިން މޮޅުވެ، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ނުވެ ވިކްޓަރީ ސްޕޯޓްސް ކްލަބު ސަލާމަތްވެއްޖެއެވެ. 


ރެލިގޭޝަން ޕްލޭއޯފް ފުރަތަމަ ލެގުގައި ޒެފްރޯލްގެ މައްޗަށް ވިކްޓަރީން 4-0 އިން ކުރި ހޯދާފައިވުމާއެކު ދެވަނަ ލެގަށް ވިކްޓަރީން ނިކުތީ ވަރަށް ބޮޑު އިތުބާރަކާއެކުއެވެ. ދެލެގުގެ އެގްރިގޭޓުން ޒެފްރޯލްގެ މައްޗަށް ވިކްޓަރީ ކުރި ހޯދީ 7-1 އިންނެވެ.


ދެވަނަ ލެގުގައި ފުރަތަމަ ލަނޑު ޖަހައި ވިކްޓަރީން ލީޑް ނެގީ 10 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުއްމީދީ ފޯވާޑް އަހުމަދު ރިސްވާނެއެވެ. މެޗުގެ ކުރީކޮޅު ވިކްޓަރީން ލީޑް ނަގައި ހަމަޖެހިލައިގެން ކުޅެމުން ދަނިކޮށް އެޓީމަށް ޝޮެކެއް ލިބުނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް މެޗުގެ 21 ވަނަ މިނެޓުގައި ރަތްކާޑް ދައްކެމުންނެވެ. މިއީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޯޅައިގައި ގަސްދުގައި ރިލޭ އަތްލި ކަމަށް ބަލައި ދެއްކި ރަތްކާޑެކެވެ. 


ޒެފްރޯލްއަށް ލިބުނު ޕެނަލްޓީ އެޓީމުގެ ބިދޭސީ ފޯވާޑް ޖަންޖުސް މިލޮރަޑް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށް އެޓީމުން ފުރަތަމަ ޑިވިޝަނުގެ އުއްމީދު އާކުރިއެވެ. އުއްމީދުގައި ކުޅެމުން ދިޔަ ޒެފްރޯލް މާޔޫސް ކޮށްލީ ފުރަތަމަ ހާފު ނިމުގެ ކުރިން އަހުމަދު ރިޒްވާން އިސްމާއިލެވެ. މިއީ ޒެފްރޯލްގެ ކީޕަރު އާތިފް (އާތީ) ބޯ މަތިން ރިޒްވާން ވަރަށް ހިތްގައިމުކޮށް ކާމިޔާބު ކުރި ލަނޑެކެވެ. ވިކްޓަރީގެ ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލެގުގައި ހެޓްރިކް ހެދި ބިދޭސީ ފޯވާޑް އޮމަޑޫއެވެ. 


މިިއީ ވިކްޓަރީން ރެލިގޭޝަން ކުޅުނު 3 ވަނަ ފަހަރެވެ. ތިންފަހަރުވެސް ވިކްޓަރީ ވަނީ ރެލިިގޭޓް ނުވެ ސަލާމަތްވެފައެވެ. ވިކްޓަރީގެ އިތުރުން އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނީ، ލީގް ޗެމްޕިއަން މާޒިޔާ އާއި ޓީސީ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ނިއުރޭޑިއަންޓް، ވެލެންސިޔާ އަދި ގްރީން ސްޓްރީޓެވެ. ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ދެވަނަ ޑިވިޝަނަށް މިފަަހަރު ރެލިގޭޓްވީ ލީގުގެ ފުލަށް ދިޔުމުގެ ސަބަބުން ބީޖީ ސްޕޯޓްސްއެވެ. 

މިއަދު އޮންލައިން