ދައުލަތުގެ އެންމެ ރިޔާލައަކާއި މެދުވެސް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނީ އަހަރެން: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދައުލަތުގެ އެންމެ ރިޔާލައަކާއި މެދުވެސް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނީ އަހަރެން: ސަލްމާން ރަސްގެފާނު

ދައުލަތުގެ އެންމެ ރިޔާލައަކާއި މެދުވެސް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވެއްޖެއެވެ. 


އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދައުލަތުގެ ހުރިހައި މުއައްސަސާތަކެއްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް  އެމަނިކުފާނަށް އެރުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.


ޤައުމުގެ ހުރިހައި މުއައްސަސާތަކެއް އޮޑިޓް ކުރުމުން ލިބުނު ނަތީޖާ އާއި ދައުލަތުގެ ފައިސާ އާއި ތަކެތި ހިމާޔަތް ކުރުމަށް އޮޑިޓް އޮފީހުން ކޮށްފައިވާ މަސައްކަތްތައް މި ރިޕޯޓުގައި ވަނީ ހިމަނައިފައވެެ. 


މިކަމަށްޓަކައި ރަސްގެފާނުގެ ގަނޑުވަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސަލްމާން ރަސްގެފާނު ވަނީ ރިޕޯޓާއިބެހޭގޮތުން އޮޑިޓް އޮފީހުން ދެކޭ ގޮތުގެ ބަޔާނެއް ހުށަހެޅުއްވުމަށް އޮޑިޓް އޮފީހުގެ ވެރިޔާއަށް ފުރުޞަތު ދެއްވައިފައެވެ.


މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުންގެ ކުރިމަތިފުޅުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ދައުލަތުގެ އެންމެ ރިޔާލައެއް ނަމަވެސް ނަހަމަ ގޮތުގައި ބޭނުންކޮށްފި އެއްވެސް މީހަކު ވަޒީފާގައި ނުބަހައްޓަވާނެ ކަމަށާއި ހައްޤު އަދަބު ދެއްވާނެ ކަމަށެވެ. 


ސަލްމާން ރަސްގެފާނު ވިދާޅުވީ ދައުލަތުގެ ފައިސާއަކީ އެމަނިކުފާނުގެ އަމިއްލަފުޅު އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އެންމެހައި ރައްޔިތުންގެ ހައްޤެއް ކަމަށެވެ. އަދި ދައުލަތުގައި ކިތަންމެ ގިނަ މުއައްސަސާތަކެއް ހުރި ނަމަވެސް ހަޤީޤީ ބެލެނިވެރިއަކީ އެމަނިކުފާނު ކަމަށާއި މާތްﷲގެ ކުރިފުޅުމަތީގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަމާއިމެދު އެއްވެސް މިންވަރަކަށް ޝައްކު ނުކުރައްވަވާ ކަމަށެވެ. 


"ދައުލަތުގެ މަޤާމުތަކަށް މީހުން އިސްކުރަނީ އަހަރެން. އެމީހުން ފެއިލްވުމަކީ އެމީހުންގެ ކަމެއް. ނަމަވެސް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނީ އަހަރެން." ކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން