އަށް އަހަރަށްފަހު ވެލެންސިޔާ ފައިނަލަށް

ކިޔުމަށް ހޭދަވާނީ 1މ 45ސ
އަށް އަހަރަށްފަހު ވެލެންސިޔާ ފައިނަލަށް
އެފްއޭ ކަޕް ސެމީފައިނަލުގައި ރޭ ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އަށް އަހަރަށްފަހު ކްލަބު ވެލެންސިޔާ ފައިނަލަކުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޔުނައިޓެޑް ވިކްޓަރީން ލީޑް ނެގީ 7 ވަނަ މިނެޓުގައެވެ. މިލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ހުސައިން ޝިމާޒް (ކޮކީ) އެވެ. މިއީ ވެލެންސިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހުޅަނގު ފަރާތު އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ތިރިތިރިން ވެލެންސިޔާގެ ޕެނަލްޓީ އޭރިޔާގެ ތެރައަށް ނަގައިދިން ހުރަހެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެެކެވެ.

ޔުނައިޓެޑް ވިކްޓަރީން ލީޑް ނެގުމާއެކު ވެލެންސިޔާގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އަދި ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިތަ ފެނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 35 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ކަކާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ކަކާ މިލަނޑު ކަކާ ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީގެ ދެޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށްވަދެ އަވީލާ ނަގައިދިން ހުރަހަކުންނެވެ.

ދެވަނަ ހާފް ފަށައިގެން ވެލެންސިޔާގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު ޔުނައިޓެޑުގެ ވިކްޓަރީ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުންދިޔައި ވެލެންސިޔާގެ ހަމަލާތައް ދިފާއު ކުރުމަށެވެ. ވެލެންސިޔާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނެގީ ހަސަން އަދުހަމް (ސަޑޭ) 82 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިއީވެސް މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އަވީލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

މިކާމިޔާބީއާއެކު ވެލެންސިޔާގެ ކޯޗް މުހައްމަދު އާސިފް (ކުޑަހީނާ) އަށް ވަނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައެވެ. ވެލެންސިޔާއިން އެންމެފަހުން ފައިނަލެއްގައި ކުޅެފައި ވަނީ 2008 ވަނަ އެފްއޭ ކަޕުގައެވެ. ފައިނަލުގައި އެފަހަރު ނިއުރޭޑިއަންޓް އަތުން ވެލެންސިޔާ ބަލިވީ 2-0 އިންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ތިންވަނައަށް އެންމެ ކާމިޔާބު ކްލަބު ވެލެންސިޔާ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ޓީސީ ސްޕޯޓްސްއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި 21:00 ގައެވެ.
މިއަދު އޮންލައިން