އެެހެން މީހުންގެ އެހީގައި ނޫޅެން 74 އަހަރުގެ ގެ މީހަކު ދުނިޔެ ދޫކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެެހެން މީހުންގެ އެހީގައި ނޫޅެން 74 އަހަރުގެ ގެ މީހަކު ދުނިޔެ ދޫކޮށްފި
ޖޯން އަށް އޭނާއަށް ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކުކުރެވުނީ މިއަހަރުގެ ކުރީކޮޅުއެވެ. ޑޮކްޓަރަށް ދައްކައި ފަރުވާ ޙޯދަމުން ދަނިކޮށް މިއަހަރު މެދުތެރޭ އޭނާއަށް ވަނީ އެކަނި ހިނގައި ނުއުޅެވޭވަރުވެފައެވެ. އެހެންކަމުން ދުވަސްތައް ފާއިތުކުރަމުން އައީ ފުރޮޅުލީ ގޮނޑީގައެވެ.

ޖޯން އެންމެ ބޮޑަށް ކަން ބޮޑުވީ އޭނާއަށް ޖެހިފައިވާ ބަލި ޑޮކްޓަރުންނަށް ނުއެނގުމުންނެވެ. ކޮންމެ ޑޮކްޓަރަކުވެސް ރިޕޯޓްތައް ބެލުމަށްފަހު އެކަށީގެންވާ ޖަވާބެއް ނުދޭތީއެވެ. ރަނގަޅުކުރެވޭނެކަން ވެސް ނުވަތަ ނޫންކަންވެސް ނުބުނާތީއެވެ.

ޖޯން އަކީ އަބަދުވެސް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި އެކަނި އުޅެން ބޭނުންވި މީހެކެވެ. އެހެންކަމުން އޭނާގެ ހަޔާތުގެ އެއްވެސް ކަމެއްގައި އެހެން މީހެއްގެ އެހީތެރިކަން އޭނާ ހޯދާފައެއް ނުވެއެވެ.

ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުނު ނަމަވެސް ޖޯންގެ ޢާއިލާއިން އައީ އޭނާއަށް އެހީތެރިވަމުންނެވެ. އޭނާއަށް ބޭނުންވާ ހުރިހައި ކަންކޮށްދެމުންނެވެ. އަދި އޭނާ އާއިއެކު ވަގުތު ވެސް ހޭދަކުރަމުންނެވެ.

ޖޯންއަށް މިވަރަކުންވެސް ނުފުދުނެވެ. އޭނާ ބޭނުންވީ ހަމަ ކުރިން އުޅުނު ގޮތަށް އެކަނި ހުރިހައި ކަންކަން ކުރުމަށެވެ. އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ދިރިއުޅުމަށެވެ. ނަމަވެސް އޭނާގެ ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ.

ޖޯންގެ ވިސްނުން ބަދަލުކޮށް ޢާއިލާގެ އެހީތެރިކަމާއިއެކު ހަޔާތުގެ ދެން އޮތްބައި ހޭދަކުރުމަށް ޢާއިލާއިން ކިތަންމެ ވަރަކަށްވެސް ނަޞޭހަތްދިނެވެ. އެކަން ވިސްނައިދޭން ކުރެވެން އޮތް ހުރިހައި ކަމެއް ކުރިއެވެ.

މިމަހުގެ 5 ވަނަ ދުވަހު ގޭގެ އެންމެން ބޭރަށް ދިއައީ ޢާއިލާގެ މުހިންމު މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށެވެ. ޖޯން ގެންދަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ޖޯން ބުނީ އޭނާ ގޭގައި މަޑުކޮށްލާނީ ކަމަށެވެ. އަރާމުކޮށްލަން ބޭނުންވާތީ ކަމަށެވެ.

ދެ ގަޑިއެއްހައިއިރު ފަހުން އެންމެން ގެއަށް އައިއިރު ޖޯން ގޮނޑީގައި އިނީ މަރުވެފައެވެ. ބޭހެއްކައިގެން އަމިއްލައަށް މަރުވީއެވެ.

ލިޔެފައި އޮތް ނޯޓުގައި ލިޔެފައިވަނީ "އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެން ބޭނުންވާ ގޮތަށް ދުނިޔޭގަ އުޅުމުގެ ފުރުޞަތު ނެތުމުން އަރާމުކޮށްލީ. އެންމެންވެސް ހިތްހެޔޮކުރާތި." މިފަދައިންނެވެ.
މިއަދު އޮންލައިން