އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި 1-0 އިން ވަރުގަދަ ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފިއެވެ.
ދެޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަދެތިބި ހައެއްކަ ހާސް ސަޕޯޓަރުން ކުރީމަތީގައި ކުޅުނު މިފޯރިގަދަ ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ސާމީއެވެ. މިއީ ތިމަރަފުށީގެ އޭރިޔާގެ އިރުމަތީ ފަރާތު އަރިމަތިން ސާމީ ނަގައިދިން ހުރަހެކެވެ. މިބޯޅަ ދިފާއު ކުރުމަށް ތިމަރަފުށީ ކީޕަރަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
މިލަނޑަށްފަހު ތިމަރަފުށިން ކުޅުން ރަގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ވަކިން ހާއްސަކޮށް ދެވަނަ ހާފުގައި އެޓީމުން ވަނީ މެޗް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކައި އޭދަފުށީ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައެވެ. މިހަމަލާތަކުގެ ހުރަހަކަށްވީ އޭދަފުށީގެ ކީޕަރު ޒިއަޒަންއެވެ. ކުރިން ނިއުރޭޑިއަންޓަށް ކުޅެފައިވާ ޒިއަޒަން ވަނީ އޭދަފުށީ ގޯލަށް އަމާޒުވި ނުރައްކާތެރި ހުރިހާ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު އެތައް ކުޅުންތެރިންނެއް އުފައްދާފައިވާ އޭދަފުއްޓަށް މިއީ އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ލިބުނު 2 ވަނަ ފަހަރެވެ.