ރިޔާސާ- ލޯބީގެ މަރުން ސަލާމަތްކުރި 10 އަހަރުގެ 2 ކުދިން މިލިއަނަރުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރިޔާސާ- ލޯބީގެ މަރުން ސަލާމަތްކުރި 10 އަހަރުގެ 2 ކުދިން މިލިއަނަރުންނަށް!
ރިޔާސާ އަކީ އަވަށުގެ އެންމެ ރީތި ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އެހެންކަމުން ރިޔާސާ އާއި ގުޅެން ބޭނުންވެގެން ގިނަ އަދަދެއްގެ ފިރިހެނުން ގެންދިއައީ ހުށަހަޅަމުންނެވެ.

އެއެންމެންގެ ތެރެއިންވެސް ރިޔަސާއަށް ކަމުދިއައީ ކިރަން އެވެ. ނަމަވެސް ކިރަން އަކީ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ޒުވާނަކަށްވާތީ ރިޔާސާގެ ޢާއިލާ އިން ދިއައީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ރިޔާސާ އަކީ ބައެއް ކަންކަމުގައި ވަރަށް ބޯހަރު ކުއްޖަކަށްވާތީ މައިން ބަފައިންގެ ބަސް ޤަބޫލުނުކޮށް ރިޔާސާ ގެންދިއައީ ސިއްރިޔާތުގައި ކިރަން އާއި ބައްދަލުކުރަމުންނެވެ. އެގޮތުން ރިޔާސާގެ 20 ވަނަ އުފަން ދުވަހުވެސް ރިޔާސާ ކިރަން އާއި ބައްދަލުކުރިއެވެ. ވަރަށް އުފަލުން ހުރެއެވެ.

ބައްދަލުވުން ޒަލްޒަލާއަކަށް ބަދަލުވެގެން ދިއައީ ރިޔާސާގެ އިއްފަތްތެރިކަމަށް އަރައިގަންނަން ކިރަން މަސައްކަތްކުރުމުންނެވެ. ރިޔާސާ އެކަމަށް ދެކޮޅު ހެދުމުން އިތުރު ބައެއްގެ އެހީގައި ރިޔާސާގެ ހަތަރެސްފައި ބަނުމަށްފަހު އަނގައިގައި ޓޭޕްއަޅައި ނަގައިގެންލީ ރިޔާސާގެ ކާރުގެ ޑިކީއަށެވެ. އަދި އެއަށްފަހު ރައްޓެހިންނާއިއެކު ކިރަން ދިއައީ ކާރު ދުއްވަމުންނެވެ.

ކާރު ދުއްވަމުން ދަނިކޮށް ކާރުތައް ހުއްޓުވައި ފުލުހުން ޗެކުކުރާތަން ފެނުމުން ތަންކޮޅެއް ދުރަށް ކާރު މަޑުކުރުމަށްފަހު ކިރަން އާއި ބައިވެރިން ފިލީއެވެ. އެވަގުތު އެތަނަށް އާދެވުނީ 10 އަހަރުގެ ކުޑަ ދެކުދިންނަށެވެ.

އެ ހާލުގައި އޮވެގެން ރިޔާސާ ދިއައީ އަޑެއް ބޭރަށް އިއްވަން މަސައްކަތްކުރަމުންނެވެ. ތެޅުވުނު ވަރަކަށް ތެޅެމުންނެވެ. އެ އަޑު ކުޑަ ދެކުދިންނަށް އިވުމުން ޑިކީ ހުޅުވަން ބެލިއިރު ޑިކީ ހުރީ ތަޅުލައިފައެވެ. ކާރުގެ ދޮރުތައްވެސް ހުރީ ތަޅުލައިފައެވެ.

ދެކުދިން ނިންމީ ކޮންމެ ގޮތަކުން ނަމަވެސް ޑިކީ ހުޅުވުމަށެވެ. "މިއީ ގޯހެއް. އެ އިވެނީ އެއްޗެއް ތެޅޭ އަޑު. ވެދާނެ ފަހަރެއްގަ ކުޑަ ގެރިއެއް އޮތީ ކަމަށްވެސް. ގެރިއެއް ނަމަވެސް އެ ހާލުގަ މަރުވިއަ ދީގެން ނުވާނެ" ކަމަށް ބުނެ ދަގަނޑު ބުރިއަކުން ތަޅު ހަލާކުކޮށްލިއެވެ.

ދެކުދިން ދިއައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އަތްފައި މޮހައި އަނގައިން ޓޭޕްގަނޑު ނައްޓައިލިއެވެ. ނަމަވެސް ތެޅިތެޅި ރިޔާސާގެ ގައަކު އެއްވެސް ވަރެއް ނެތެވެ. އެހެންކަމުން އެކަމަށް އެހީވާނެ މީހަކު ފެނޭތޯ ޙޯދަމުން ދަނިކޮށް އެތަނަށް އައި ފުލުހުން ދިއައީ ރިޔާސާ ގޮވައިގެން ހޮސްޕިޓަލަށެވެ. އެ ދެކުދިންވެސް ގޮވައިގެންނެވެ.

ދެކުދިން ބުނީ ޖަނަވާރެއް ނަމަވެސް އަނިޔާވެރި ގޮތުގައި މަރުވުމަށް ދޫނުކުރާނެ ކަމަށެވެ. ދެ ކުދިންގެ މައިން ބަފައިން ދެކުދިންނަށް ދަސްކޮށްދީފައިވަނީ އޯގާތެރިވުމަށް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވަނީ ދެ ކުދިންގެ ވިސްނުމަށް ތާއީދުކުރައްވައި އިނާމު ދެއްވައިފައެވެ. އަދި ރިޔާސާގެ ޢާއިލާއިން ވެސް ވަނީ ދެކުދިންނަށް އަގުބޮޑު ހަދިޔާއެއް ދީފައެވެ.

މައިން ބަފައިންގެ ވިސްނުމާ ދެކޮޅަށް ރިޔާސާ ހިންގަމުން ދިއަ ލޯބީގެ ގުޅުމުގައި ކުރިމަތިވި މަރުގެ ހާދިސާއިން ރިޔާސާ ސަލާމަތްކޮށްދިން ކަމަށްޓަކައި ރިޔާސާގެ މުއްސަނދި މިލިއަނަރު ޢާއިލާއިން ވަނީ އެ ދެކުދިންނަކީ އެމީހުންގެ އަމިއްލަ ދަރިންގެ ގޮތުގައި ބަލައިގެންފައެވެ.
މިއަދު އޮންލައިން