އިންޑިއާ އިން އަލަށްޖެހި 2000 ރުޕީސްގެ ނޫޓު ނެރުނުތާ 2 ދުވަސްތެރޭ ވަގުނޫޓު ޖަހައިފިއެވެ.
ކަރުނާޓާކާގެ މާރުކޭޓެއްގައި ނޫޓު ވިއްކަން މަސައްކަތްކުރުމުން ވަގުތުން ވަނީ އެކަން ފަޅާއަރައިފައެވެ. ފުލުހުން ބުނީ ވަގު ނޫޓު ޖަހާފައިވަނީ ވަރަށް އާދައިގެ ކަރުދާހެއްގައިކަމަށާއި އަދި އެއީ ކުލަ ފޮޓޯކޮޕީއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
ސަރުކާރުން ބުނެފައިވަނީ އައު ނޫޓު ޖަހާފައި ވާނީ ވަރަށް ގިނަ ސަލާމަތީ ފިޔަވަޅުތަކާއިއެކުގައި ކަމަށާއި ނޫޓު ބަލައިގަތުމުގެ ކުރިން އެއީ ޞައްޙަ ނޫޓެއްކަން ކަށަވަރުކުރަން ކުރަންޖެހޭ ކަންކަން ކުރުން މުހިންމު ކަމަށެވެ.
ސަރުކާރުން މިހާރު ގެންދަނީ ކޮންމެ ދުވަހަކު އޭޓީއެމުން ނެގޭ ފައިސާގެ އަދަދާއި ހަފްތާއަކު ބޭންކުން ނެގޭ އަދަދު އިތުރުކުރަމުންނެވެ.
އިންޑިއާގައި ބޭނުންކުރަމުން އައި 500 ރުޕީސް އާއި 1،000 ރުޕީސްގެ ނޫޓު ބޭނުންކުރުން ކުއްލިއަކަށް ކުރިމަތިވި މައްސަލަތަކާއި ގުޅިގެން ގިނަ ބައެއްގެނަފުރަތު ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ބޭންކުތައް ކައިރީ ފައިސާ ހޯދަން އެތައް ސަތޭކަ ބައަކު ކިޔޫގައި ޖެހެންޖެހުމުން ތަފާތު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ބުދަ ދުވަހުގެ ރޭ ދިއްލީ އަށް ދިއަ މީހުންނަށް އެއާޕޯޓުން ފައިސާ ބަދަލުކުރަން ނުވަތަ މާރުކުރަން 4 ގަޑިއިރު ކިޔޫގައި ތިބެންޖެހުނެވެ.
ސަރުކާރުން ބުނަމުން ގެންދަނީ އިންޑިއާގައި ވަގު ނޫޓު އާންމުކުރަނީ ޕާކިސްތާނުން ކަމަށާއި އެކަން ހުއްޓުވެން އަންނަނީ ހަރުކަށި އަދި ސިއްރު ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އެހެންކަމުން މިކަމުގެ ސަބަބުން ދަތިތައް ކުރިމަތިވި ނަމަވެސް ޤައުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ގެންދަނީ އެދެމުންނެވެ.