ދުނިޔެ ކުރިއަރުވަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ޒުވާނުންނަށް މަތީ ތައުލީމް ދިނުން ކަމަށް އިޖުތިމާއީ ދާއިރާއިން ފުޅައު ދާއިރާއެއްގައި ޚިދުމަތްކުރައްވަމުން ގެންދަވާ މަޝްހޫރު ބިލިއަނަރު ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.
ބިލް ގޭޓްސް މިމޭރުމުން ވިދާޅުވީ ސައުދިއަރަބިޔާގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ފެށި "މިސްކް ގްލޯބަލް ފޯރަމް"އަށް ފޮނުއްވި ވީޑިއޯ ޚިޠާބެއްގައެވެ.
ބިލް ގޭޓްސް ވިދާޅުވީ ސައުދިއަރަބިޔާއަށް ވެސް އަދި އެހެން ޤައުމުތަކަށްވެސް ކުރިއަރައިގެން ދެވޭނީ އެ ޤައުމެއްގެ ޒުވާނުން ޤައުމު ކުރިއަރުވަން ނުކުމެ އެ މަސައްކަތުގައި އިސް ދައުރެއް އަދާކޮށްގެން ކަމަށެވެ. އަދި އެކަންކަން ކުރުމަކީ ޒުވާނުންގެ މަސްއޫލިއްޔަތެއްކަން ޒުވާނުން އަމިއްލައަށް ޤަބޫލުކޮށް އެ މަސައްކަތްތަކަށް ޒުވާނުން އަމިއްލައަށް އިސް ނަގައިގެން މަސައްކަތްކޮށްގެން ކަމަށެވެ.
ބިލް ގޭޓްސް ވިދާޅުވީ ސަރުކާރުތަކަށް ލަނޑުދަނޑިތައް ކަނޑައެޅިދާނެ ކަަމަށާއި ލަނޑުދަނޑިތައް ކަނޑައެޅި ނަމަވެސް ކާމިޔާބުކުރުމަށް އެންމެ މުހިންމީ ޒުވާނުންނަށް މަތީ ތައުލީމު ހާޞިލު ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުންގެ ބޭނުން ވީހައި ފުޅައު ދާއިރާއެއްގައި ހިފައިގެން ކަމަށެވެ.
މި ފޯރަމް ބޭއްވުމުގައި ވެސް ބިލް ގޭޓްސް ފައުންޑޭޝަނުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.