މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އޭދަފުށީ ޓީމަށް ރަތްދޫލައިގެ މަރުހަބާއެއް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އޭދަފުށީ ޓީމަށް ރަތްދޫލައިގެ މަރުހަބާއެއް
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމު އެރަށަށްދިޔުމުން އެޓީމަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ރަށުގެ ޒުވާނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ކުޅުންތެރިންގެ އާއިލާތަކުގެ އިތުރުން ބައެއް އާއްމުންވެސް ރަސްމީ ފާލަން ސަރަހައްދަށް އެއްވިއެވެ.

ކޮންމެ ކުޅުންތެރިޔަކަށް ސްކޫލް ދަރިވަރެއްގެ އަތުން މާބޮނޑިއެއް ހަދިޔާކުރިއިރު، އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރަށު ކައުންސިލުގެ މެންބަރުންގެ އިތުރުން އޮފީސްތަކުގެ އިސްވެރިންވެސްކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ކިޔުމަށްބޭއްވި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ދެ ޖިންސްގެ އެކި އުމުރުފުރައިގެ މީހުން ޓީމުގެ ކުޅުންތެރިނާއި ސަލާމްކޮށް ސެލްފީ ނަގާ ހެދި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތ. ތިމަރަފުށި 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އޭދަފުށީ ޓީމުގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިޔާ އަބްދުލް މަޖީދު ހަސަން (މަޖިއްޓޭ) ބުނީ “މިއީ ވަރަށް ދުވަހުގެ މަސައްކަތް” ކަމަށެވެ.

އޭދަފުށީ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އެ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ޒިޔަޒަން އަކީ ކުރިން ނިއު ރޭޑިއަންޓާއި ވިޔަންސާ އަށް ކުޅުނު ކުޅުންތެރިޔެކެވެ.

ފައިނަލުގައި ތިމަރަފުށީ ޓީމުގެ އެޓޭކްތައް ހުއްޓުވުމުގައި ޒިޔަޒަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ތަޖުރިބާގެ ބޭނުންކޮށް ވަރަށް ރަނގަޅަށް ޓީމު ލީޑުވެސް ކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކާއި ގައުމީ ޓީމުގައި ވެސް އޭދަފުށީ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ވެލެންސިއާގެ ޝާފިއު އަހުމަދު (ޝާފީ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެއެވެ.

ސޯސް: އީޓީ
މިއަދު އޮންލައިން