އަމިއްލަ ދަނޑުގައި ކޮލަމްބިއާ 3-0 އިން ބަލިކޮށް ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ އުއްމީދު އާޖެންޓީނާއިން އާކޮށްފިއެވެ.
ކޮލިފައިންގައި އެންމެފަހުން ކުޅުނު 6 މެޗުން 2 ޕޮއިންޓް ލިބުމުގެ ސަބަބުން ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އާޖެންޓީނާއަށް މިމެޗުގައި ލީޑް ނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ވަަރަށް ހިތްގައިމުކޮށް ކާމިޔާބު ކުރި ލަނޑެކެވެ. އާޖެންޓީނާގެ ލީޑް ފުޅާ ކޮށްދިނީ 23 ވަނަ މިނެޓުގައި ޕްރޮއްޓާއެވެ. އާޖެންޓީނާގެ ތިންވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންހެލް ޑިމާރިއާއެވެ. މިދެލަނޑުވެސް ކާމިޔާބު ކުރީ މެސީ ތަނަވަސްކޮށްދިން ދެފުރުސަތުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗް އެޑެގާޑޯ ބައުޒާ ބުނީ މޮޅަށް ކުޅެ މޮޅުވެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެކަމަށެވެ. " އެކަމަކު އެންމެ ބޮޑަށް ހިތްހަމަ ޖެހެނީ ތިން ޕޮއިންޓް ލިބުމުން. ކުރިއަށް ހުރި މެޗުތަކުން ރަގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީން އެބައޮތް" ބައުޒާ ބުންޏެވެ.
މިމޮޅާއެކު ތާވަލުގެ 5 ވަނައިގައި އާޖެންޓީނާ މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ މިއަދު ހެނދުނު ޕެރޫގެ މައްޗަށް 2-0 އިން ކުރި ހޯދި ބްރެޒިލްއެވެ. އެއީ 27 ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގައި އުރުގުއޭ އޮތީ 23 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 20 ޕޮއިންޓާއެކު އިކްއެޑޯ އޮތްްއިރު ހަމަމިއަދަށް ޕޮއިންޓް ލިބިގެން 4 ވަނައިގައި އޮތީ ޗިލީއެވެ. ހަވަނައިގައި 18 ޕޮއިންޓާއެކު ކޮލަމްބިއާ އޮތްއިރު 7 ވަނައިގައި ޕެރަގުއޭ އޮތީ 15 ޕޮއިންޓާއެކުއެވެ. އެއްޕޮއިންޓް ފަހަރުން ޕެރޫ 8 ވަނައިގައި އޮތްއިރު 9 ވަނައިގައި 7 ޕޮއިންޓާއެކު އޮތީ ބޮލީވިއާއެވެ. ފަސް ޕޮއިންޓާއެކު ގްރޫޕް ފުލުގައި އޮތީ ވެނަޒުއެލާއެވެ.
ކޮލިފައިންގައި ކޮންމެ ޓީމަކަށް ބާކީ 6 މެޗް އޮތްއިރު ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ކުރީގައި އޮންނަ 4 ގައުމެވެ. ފަސްވަނައަށްދާ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޕްލޭއޯފްގައި ބައްދަލު ކުރަންޖެހޭނީ އޭޝިޔާ ޒޯނުގެ 5 ވަނަ ޓީމާއެވެ.