ޕާކިސްތާނުގެ ގުޖްރާތަށް ނިޞްބަތްވާ ޒައިނަބް ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާ ދުބާއީއަށް ގޮސް ވަޒިފާއެއް ޙޯދި ކަމަށެވެ. އަދި ވަޒީފާގައި އުޅެނިކޮށް ބައްދަލުވި ޕާކިސްތާނުގެ ކަރާޗީގެ މީހަކާ ބައްދަލުވެ ކައިވެނި ކުރި ކަމަށެވެ.
އެއަށްފަހު ބަލިވެ އިނުމުން އިންޑިއާއަށް ގޮސް ވިހައި ގަދަވެގެން އެނބުރި ދުބާއީއަށް ދިއުމުން ދެން ކުރިމަތިވީ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތައް ކަމަށެވެ.
''އަހަރެން ދުބާއީއަށް ގޮސް ދެމަފިރިން ގުޅިގެން އަމިއްލަ މަސައްކަތެއް ފެށީއެވެ. އަދި ފެންވަރު ރަނގަޅު ފްލެޓެއް ހިފައި ބަދަލުވީއެވެ. ވިޔަފާރި ރަނގަޅެވެ. ނަމަވެސް ދެމަފިރިންގެ ގުޅުން އައީ ގޯސްވަމުންނެވެ.
ދުވަސްކޮޅެއްފަހުން އަހަރެންގެ ގައިގައި ތަޅައި އަނިޔާކުރަން ފެށިއެވެ. އަދި ނުވެސް އެނގި ދެދަރިން (އެއްމާބަނޑު) ގޮވައިގެން ފިލައިގެން ކަރާޗީއަށް ދިއައީއެވެ.
އެނބުރި އަންނާނެ ކަމުގެ އުނމީދުގައި 4 މަސް ދުވަހު ފުލުހަށް ދިއައީ މައްސަލަ ހުށަހެޅުމަށެވެ. ނަމަވެސް ވަގުތުން ކުރިމަތިވީ މާބޮޑެތި މައްސަލަތަކެކެވެ. ފިރިމިހާ ފިލައިގެން އެދިއައީ ނުވެސް އެނގި ޗެކުތަކެއް މީހުންނަށް ދީފައި ބައިވަރު ފައިސާ ވެސް ނަގައިގެން ކަމަށްވީތީއެވެ.
ވިޔަފާރި ރަޖިސްޓްރީކޮށްފައި ވަނީ އަހަރެންގެ ނަމުގައިކަމަށްވާތީ ފުލުހުން އަހަރެން ޖަލުގައި ބަންދުކުރިއެވެ. ޖަލުން ސަލާމްވިތަނާ ފްލެޓްގެ ކުލި ނުދައްކާތީ އަނެއްކާވެސް ބަންދުކުރިއެވެ. ފްލެޓްވެސް ހިފާފައި ހުރީ އަހަރެންގެ ނަމުގައެވެ. އެހެންކަމުން ކުރެވޭނެ ކަމެއް ނެތެވެ.
އެފަހަރު ޖަލުން ސަލާމަތްވީ މައިން ބަފައިންގެ އިންޑިއާގައި ހުރި ގެ މޯގޭޖްކޮށްފައި ފައިސާކޮޅެއް ފޮނުވުމުންނެވެ. ނަމަވެސް އެވަރަކުންވެސް ނުފުދުނެވެ. އަދިވެސް 26،000 ރިޔާލަ ދައްކަންޖެހެއެވެ.
ކަންކަން ކޮށްފައި ހުރި ގޮތުން މިކަމަކީ ދުރާލައި ރާވައިގެން މަކަރުވެރި ފިރިހެނާ ކޮށްފައިވާ ކަންކަން މިހާރު ވިސްނެއެވެ. ނަމަވެސް ވަގުތު މިހާރު މިވަނީ ފާއިތުވެފައެވެ.
އަހަރެންގެ ކުށެއް ނެތް ނަމަވެސް އަހަރެންގެ ރެކޯޑް އޮތްގޮތުން އަހަރެންނަށް ވަޒީފާއެއް ދޭނެ މީހަކު ނެތެވެ. ވިސާ ހަމަވިތާ އަހަރުވަނީއެވެ. ބޯހިޔާވަހިކަމެއް ނެތުމުން ދިރިއުޅެމުން މިގެންދަނީ އަސްކަނިދަށުގައެވެ. ކާން ބޯން މިޖެހެނީ ސަލާންޖަހައިގެންނެވެ.
މިހާލުގައި ދިއިރިއުޅުމަށްވުރެ މަރުވުން ރަނގަޅުކަމަށް ބަލައި އަމިއްލައަށް މަރުވާން ދެފަހަރު މަސައްކަތްކޮށްފީމެވެ. ނަމަވެސް ކޮންމެފަހަރަކުވެސް އެކަމުން އަހަރެން ސަލާމަތްވަނީ ނުވަތަ އެކަން ހުއްޓުވަނީ އަދިވެސް އަހަރެންގެ ދެ ދަރިންނާއި ބައްދަލުވެދާނެ ކަމުގެ އުންމިދު އަވާތީއެވެ.''