ވަރުގަދަ ޕޮލިސް ބަލިކޮށް މޯލްޑިވިއަން ޗެމްޕިއަންކަން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 37ސ
ވަރުގަދަ  ޕޮލިސް ބަލިކޮށް މޯލްޑިވިއަން ޗެމްޕިއަންކަން ހޯދައިފި
އަލްމުދިޝް ގައުމީ އަންހެން ވޮލީ ލީގުގައި ރޭ ވަރުގަދަ ޕޮލިސް ކްލަބުގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައި މޯލްޑިވިއަން ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޗަށް ނުކުތްއިރުވެސް ސީދާ 3 ސެޓުން މޮޅުވެގެން ނޫން ގޮތަކަށް ޗެމްޕިއަންކަން ހޯދެން ނެތް މޯލްޑިވިއަންއިން ސެޓުތައް ކާމިޔާބު ކުރީ 25-18، 27-25 އަދި 25-21 އިންނެވެ. ގައުމީ ޓީމުގެވެސް ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕޮލިހަށް ދެވަނަ ސެޓު ފިޔަވައި އެހެން ސެޓުތަކުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

މިމެޗުން މޯލްޑިވިއަން ބަލިވިނަމަ ޗެމްޕިއަންކަން ލިބޭނީ ކުޅިބަލަން ތިބި ފުވައްމުލަކު މިސްކިތް މަގަށެވެ. ޕޮލިސް ކްލަބުގެ މައްޗަށް ސީދާ 3 ސެޓުން މޯލްޑިވިއަން ކުރި ހޯދުމުން، މޯލްޑިވިއަން އާއި މިސްކިތްމަގު ޕޮއިންޓުގެ ގޮތުންނާއި ފައިދާ ސެޓުގެ ގޮތުންވެސް އެއްވަރުވެއެވެ. މޯލްޑިވިއަންއަށް ޗެމްޕިއަންކަން ލިބުނީ ސެޓުތަކުގައި ހޯދާފައިވާ ޕޮއިންޓުތަކުން ކުރި ހޯދައިގެންނެވެ. މޯލްޑިވިއަންއަށް ސެޓުތަކުން 55 ޕޮއިންޓް ފައިދާ އޮތްއިރު މިސްކިތް މަގަށް ލިބިފައި ވަނީ ފައިދާ 40 ޕޮއިންޓެވެ.

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވައެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ހައްވަގެ އިތުރުން ޕޮލިސް ކްލަބުގެ ޖޫޒަން އާއި ހައްވާ ސަހާ އާއި މޯލްޑިވިއަންގެ ޝައްފަ އިބްރާހިމް އާއި މާޖިދާ އާއި މިސްކިތް މަގުގެ ފާތިމަތު ނިޔާޒާ އަދި ފިސްޑާގެ އައިމިނަތު ރާޝިދާއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގުގެ ޕްރަތީބާ މާލީއެވެ.

އެންމެ މޮޅު ކޯޗަކަށް މޯލްޑިވިއަންގެ ކޯޗް މުހައްމަދު އިކްލީސް ހޮވުނުއިރު ފެއާ ޕްލޭ ޓީމަކީ މިސްކިތް މަގެވެ. އެކާވިސް އަހަރުން ދަށުުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ އަރީޝާއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ފިސްޑާގެ އައިމިނަތު ރިޔާޝާއެވެ.
މިއަދު އޮންލައިން