ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗް ކާމިޔާބުކޮށް ވަރުގަދަ މާޒިޔާ އާއި އީގަލްސް ފެށުން ރަގަޅު ކޮށްފިއެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ ފުރަތަމަ މެޗު ކާމިޔާބު ކުރީ ސ.ފޭދޫ ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު 2-1 އިންނެވެ.
މާޒިޔާގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ފާއިތުވެދިޔަ ދެއަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. ފޭދޫގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އުއްމީދީ ފޯވާޑް އިބްރާހިމް މަހުދީ (އިއްބެ) އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިިދިޔަ އަހަރު ބޭއްވި މިނިވަން ފަންސާސް ޗެމްޕިއަންޝިޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މިފަހަރު ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ފޭދޫ ޓީމުން ވަނީ މާޒިޔާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.
ދެވަނަ މެޗުގައި އަދި ގްރޫޕް ސްޓޭޖު ފަހު މެޗުގައި ފޭ ނިކުންނާނީ މާދަމާ ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. މާޒިޔާ ކުޅެން ޖެހޭ ދެވަނަ މެޗުގައި އަދި ގްރޫޕް ސްޓޭޖް ފަހު މެޗުގައިވެސް ބައްދަލު ކުރަން ޖެހޭނީ ޔުނައިޓެޑް ވިކްޓްރީއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.
އީގަލްސް މޮޅުވީ އެންމެފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އަތުން ފަސޭހަ ކަމާއެކު 3-0 އިންނެވެ. އީގަލްސްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އުއްމީދީ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އާއި ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް މުބީންް (މުއްކި) އާއި މެސަޑޯނިޔާގެ ފޯވާޑް ރިސްޓޭއެވެ. މާދަމާ ހަވީރު ޓީސީ އަތުން އީގަލްސް ބަލިނުވެއްޖެނަމަ ސެމީފައިނަލުން އެޓީމަށް ޖާގަ ލިބޭނެއެވެ.