ގޯލްޑަލް ފުޓްސަލް ޗެލެންޖް ފައިނަލުގައި 4-1 އިން ސ.ފޭދޫ ބަލިކޮށް ތ.ތިމަރަފުށި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން މިއަދު ހަވީރު ހޯދައިފިއެވެ.
މެޗް ފަށައިގެން މޮޅަށް ކުޅެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ތިމަރަފުށިން ވަނީ 3 ލަނޑު ކާމިޔާބުކޮށް ފޭދޫ ސިއްސުވާލާފައެވެ. މިތިން ލަނޑު ކާމިޔާބު ކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ވިޝާމް (ޖެރާޑް) އާއި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އިބްެރާހިމް ހަމްދާން (މެސީ) އެވެ. ޖެރާޑް ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ކާމިޔާބު ކޮށްފައެވެ.
ދެވަނަ ހާފް ފަށައިގެން ނަތީޖާ ހަމަހަމަ ކުރުމަށް ފޭދޫއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔަތަން ފެނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފުގެ ކުރީކޮޅު އެޓީމުން ލަނޑެއް ކާމިޔާބުކޮށް އުއްމީދު އާކުރުމެވެ.
މިލަނޑަށްފަހު ފޭދޫ ޓީމުން މެޗް ކޮންޓްރޯލްކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ތިމަރަފުށީގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. ފޭދޫ ކުޅުންތެރިން މޮޅަށް ކުޅެމުން ދަނިކޮށް އެޓީމް މާޔޫސްކޮށްލީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި މެސީއެވެ. ތިމަރަފުށީގެ ހަތަރުވަނަ ލަނޑު މެސީ ކާމިޔާބު ކުރީ އިބްރާހިމް އަސްވާދް (ގަބޭ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ފުޓްސަލްގެ އިތުރުން ތިމަރަފުއްޓަކީ ފުޓްބޯޅައިގައިވެސް ރާއްޖޭގައި ފާހަގަ ކޮށްެލެވޭ ރަށެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ހުނަރުވެރި އެތައް ކުޅުންތެރިންނެއް މިހާރު ތިބި ތިމަރަފުށި ވަނީ މިފަހަރުގެ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލުގައިވެސް ކުޅެފައެވެ. ފައިނަލުން ބަލިވީ އޭދަފުށި އަތުން 1-0 އިންނެވެ.