ފިރިމިހާ އެޑްމިޓްކުރަން ޑޮކްޓަރު ސްލިކް ދިނުމުން އެޑްމިޓްކުރުމަށްޓަކައި މަތީ ބުރިއަށް ގެންދާނެ ސްޓްރެޗަރއެއް، ފުރޮޅުލީ ގޮނޑިއެއް ފަދަ ވަސީލަތެއް ނުލިބުމުން ރޭމްޕް މަތީގައި ދަމާފައި ގެންދާ ވީޑިއޯއެއް ހޫނުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ސަރުކާރުގެ ހޮސްޕިޓަލެއްގައެވެ.
އުމުރުން 45 އަހަރުގެ ސްރިނިވާސާ ޗާރީއަކީ ލެޕްރަސީ ބަލީގައި ފައި ހަލާކުވެ ނުހިނގޭ މީހެކެވެ. ހޮސްޕިޓަލަށް ދިއައީ ފައަށް އިތުރަށް އަނިޔާ ލިބިގެންނާއި ގަދައަށް ބަނޑުގައި ރިއްސާތީއެވެ.
އެހެން އެއްވެސް މަގެއް ނަރުހުންނާއި އެޓެންޑެންޓުން ނުދެއްކުމުން އުމުރުން 40 އަހަރުގެ އަނބިމީހާ، ސްރީ ވާނީ އޭނާގެ ފިރިމީހާ ދަމަމުން ރޭމްޕްމަތިން ގެންދިއައިރު ފިރިމިހާ ގެންދިއައީ އަޅާ ވޭނަށް ކެތް ނުކުރެވިގެން ބާރަށް ރޮމުންނެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މަންޒަރު ބަލަން ބައެއް މީހުން ތިބި ނަމަވެސް އެއްވެސް މީހަކު އެހީތެރިއެއް ނުވެއެވެ. ނަމަވެސް ދެ މީހަކު މަންޒަރު ވީޑިއޯކުރަން މަސައްކަތްކުރާތަން ފެނެއެވެ.
އަނބިމިހާ ބުނީ އެހެން ގޮތެއް ނެތުމުން އޭނާގެ ކޮނޑަށް ފިރިމީހާ ލައިގެން ދިއުމަށް މަސައްކަތްކުރިކަމަށާއި އޭނާގެ ގައިގައި އެހައި ބާރު ނެތުމުން އެކަން ނުކުރެވުނީ ކަމަށެވެ. "އަހަރެން އެންމެންނަށް އާދޭސް ކުރިން ފުރޮޅުލީ ގޮނޑިއެއް ނުވަތަ ސްޓްރެޗަރއެއް ދިނުންއެދި. އެއްވެސް ނަރުހަކުވެސް އެޓެންޑެންތަކުވެސް އަޅައިނުލީ. އަހަރެންގެ އާދޭސް އަޑުއަހާނެ އެކަކުވެސް ނުވީ. އެއީ އަހަރެންގެ ފިރިމީހާ. ވީމާ ގެންދެވުނު ގޮތަކަށް ގެންދިއުމަކީ އަހަރެންގެ ޒިންމާއެއް."