އިންޓަރނެޓް ބޭނުންކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަށް މަސައްކަތްކުރާނެ ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފިއެވެ.
12 ޤައުމަކާއި 15 ޖަމިއްޔާއަކުން ބައިވެރިވެ 3 ދުވަހަށް ސައުދިއަރަބިޔާގައި ކުރިއަށް ގެންދިއަ މި ބައްދަލުވުމުގައި ބައިވެރިން ބުނެފައިވަނީ މުޖުތަމައުތައް ހަލާކުވެ ދިއުމުގެ އެންމެ ބޮޑު އެއް މައްސަލައަކަށްވެފައިވަނީ އިންޓަރނެޓާއި ގުޅުން ހުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމަށްވާއިރު އެކަންކަން ހުއްތުވޭނެ ގޮތްތަކެއް ރާވަން ޖެހޭ ކަމަށެވެ.
ބައިވެރިން ބުނެފައިވަނީ އެފަދަ ކަންކަން ހުއްޓުވުމަކީ އެއް ޤައުމަކުން އެކަނި މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދީގެން މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް މަސައްކަތްކުރާނެ ސެންޓަރެއް ޤާއިމުކޮށް އެ ސެންޓަރަކީ މައި މަރުކަޒު ކަމަށް ބަލައި ޤައުމުތައް ގުޅިގެން އެއް ވިސްނުމެއްގައި މަސައްކަތްކޮށްގެން ނޫނީ ހައްލު ނުހޯދޭނެ ކަމަށެވެ.
އެސެންޓަރު މެދުވެރިކޮށް ޤައުމުތަކަށް މައްސަލަ ހުށަހެޅުމުން ކުށް ކުރާ ފާރާތްތައް ހޯދައި ޖިންސީ ގޯނާ ކުރުމަކީ ޖިނާޢީ ކުށެއް ކަމަށް ކަނޑައަޅައި ބޮޑެތި އަދަބުތައް ދޭނެ ގޮތެއްވެސް ހަމަޖެއްސުމަށް ޤައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި 200 އަށްވުރެ ގިނަ އަދަދެއްގެ މީހުން ވަނީ ތަފާތު މައްސަލަތަކުގެ މައްޗަށް ވާހަކަ ދައްކައިފައެވެ. 100 އަށްވުރެ ގިނަ ދިރާސާ ވަނީ ހުށަހަޅައިފައެވެ.