އަމާޒަކީ ބަށިބޯޅައަކީ ގައުމީ ކުޅިވަރަކަށް ހަދައި ގައުމީ ކުޅިވަރު ކަލަންޑަރުގައި ބަށިބޯޅަ ހިމެނުންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ޝަހީރު މިހެން ވިދާޅުވީ އެސްޓީއޯ ބަށިބޯޅަ މުބާރާތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވިރު ވާހަކަފުޅު ދައްކަވަމުންނެވެ. "އަޅުގަނޑުމެންގެ އަމާޒަަކީ ބަށިބޯޅައަކީ ގައުމީ ކުޅިވަރަކަށް ހަދައި ގައުމީ ކަލަންޑަރުގައި ބަށިބޯޅަ ހިމެނުން. މިދިޔަ އަހަރު ކުޅިވަރާއި ބެހޭ މިނިސްޓްރީއިން އަޅުގަނޑުމެންނަށް އިޝާރާތެއް ލިބިފައި ވަނީ އޮތްތަނުގައި ނެޝަނަލް މުބާރާތަކަށް މިކުޅިވަރު ހަދައި ނެޝަނަލް ކުޅިވަރު ކަލަންޑަރުގައި ހިމަނުއްވައި ދެއްވާނެކަމަށް. ވީމާ އަޅުގަނޑު ގަބޫލް ކުރަން ކުރިއަށް އޮތް މިއޮތް އަހަރު ކުޅިވަރު ކަލަންޑަރުގައި މިކުޅިވަރު ހިމަނުއްވައި ދެއްވާނެކަމަށް" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ ބަށިބޯޅަ މިހާރު މިއޮތް ލެވެލްއަށް ގެނެވުނީ އެސްޓީއޯއިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. "ބަށިބޯޅަ ރާއްޖޭގައި ވަރަށް ބޮޑަށް އުއިގޮސްފައި ވަނިކޮށް އެސްޓީއޯއިން އިސްނަގައިގެން ބަށި ކުޅުއްވާ ބައެއް ބޭފުޅުންނާއި މަޝްވަރާކޮށްގެން މީގެ ހައެއްކަ އަހަރު ކުރިން މިގޮތަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ރަގަޅު އިނާމްތައް ލިބޭ ބަށިބޯޅަ މުބާރާތް" ޝަހީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ އަންހެނުން ކުރިއަރުވައި އަދި އަންހެނުން ބާރުވެރި ކުރުވުމަށް ރާއްޖޭގައި އެންމެ ކުރީގައި އުޅޭ އެއްކުންފުނި ކަމަށެވެ. "މިކަން އެނގޭނެ އެސްޓީއޯގެ ސްޓާފް ކައުންޓަރަށް ބައްލަވާލެއްވިނަމަވެސް އަދި ޓޮޕް މެނޭޖްމަންޓާއި ބޯޑަށް ބައްލަވާލެއްވިނަމަވެސް އަންހެން ބޭފުޅުން އެންމެ ގިނަ އެއްކުންފުންޏަށް އެސްޓީއޯވާނޭ" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި އަންހެނުން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްެރާހިމް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ހުރިހާ ކުޅުންތެރިންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ރައީސުލް ޖުމުހުރިއްޔާގެ ދެކަނބަލުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.