އެލައިޑް އިންސްއަރެންސް ޤައުމީ ވޮލީބޯޅަ މުބާރާތް ފިރިހެން ޑިވިޜަންގައި ޕޮލިސް ކުލަބް އާއި ސްޓެލްކޯ ރެކްރިއޭޝަން ކުލަބް ވާދަކުރި މެޗް ޕޮލިސް ކުލަބުން ކާމިޔާބުކޮށް ތިންވަނަ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ގުޑީސް 3-1 ސެޓުންނެވެ.
މި މެޗްގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ ފޯރިގަދަކުޅުމަކަށްފަހު 23-25 އިންނެވެ.ދެވަނަ ސެޓް ސްޓެލްކޯ ރެކްރިއޭޝަން ކުލަބްގެ ކުޅުން ރަނގަޅުކޮށް 20-25 އިން ކާމިޔާބުކުރިނަމަވެސް ޖެހިގެން އައި 02 ސެޓް ޕޮލިސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 17-25، 21-25 އިން ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ މުބައްޝިރް ރަޒާއެވެ.
މި މުބާރާތުގެ ތިންވަނަ ސެމީފައިނަލްގައި ޕޮލިސް ކުލަބް ވާދަކުރަންޖެހޭނީ މިއަދު ފުރަތަމަ ސެމީފައިނަލްގައި ދިވެހި ސިފައިންގެ ކުލަބް އާއި މޯލްޑިވިއަން ވާދަކުރާ މެޗުން ބަލިވާޓީމަކާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެވެ.