ސެމީގައި މާޒިޔާ އާއި ދެކޮޅަށް ޓީސީ އަދި އީގަލްސް އާއި ދެކޮޅަށް ޔޫވީ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ސެމީގައި މާޒިޔާ އާއި ދެކޮޅަށް ޓީސީ އަދި އީގަލްސް އާއި ދެކޮޅަށް ޔޫވީ
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ބައްދަލު ކުރަން ޖެހިއްޖެއެވެ.

ސެމީފައިނަލުގައި މާޒިޔާ އާއި ޓީސީ ބައްދަލު ކުރަން ޖެހުނީ ގްރޫޕް އެކެއްގެ އެއްވަނަ މާޒިޔާ ހޯދައި ގްރޫޕް ދޭއްގެ ދެވަނަ ޓީސީއަށް ލިބުމުންނެވެ.

މާޒިޔާ ގްރޫޕުގެ އެއްވަނަ ހޯދީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް ފަސޭހަ ކަމާއެކު 8-0 އިން ކުރި ހޯދައިގެންނެވެ. މާޒިޔާއިން ކާމިޔާބު ކުރި އަށް ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރީ އަލީ އަޝްފާޤް (ދަގަނޑޭ) ދެލަނޑޭ އާއި މުހައްމަދު އުމައިރު އަދި އިރްފާން މުހައްމަދެވެ. މީގެ ތެރެއިން ދަގަނޑޭ ވަނީ ދެލަނޑު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި މާޒިޔާ ވަނީ ސ.ފޭދޫގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ. މާޒިޔާ އަތުން ބަލިވިނަމަވެސް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޔޫވީ ވަނީ ސެމީން ޖާގަ ހޯދާފައެވެ.

ސެމީގައި ޔޫވީ ބައްދަލު ކުރަން ޖެހޭނީ އީގަލްސްއާއެވެ. އީގަލްސް ސެމީން ޖާގަ ހޯދީ ނިއުރޭޑިއަންޓް 3-0 އިން އަދި ޓީސީ 2-0 އިން ބަލިކޮށް ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޓީސީ ޖާގަ ހޯދީ ނިއުރޭޑިއަންޓް 4-0 އިން ބަލިކޮށްފައެވެ.

ސެމީފައިނަލް ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ އީގަލްސް އާއި ޔޫވީއެވެ. ދެވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލު ކުރާނީ މާދަމާ ރޭ 21:45 ގައެވެ.
މިއަދު އޮންލައިން