މިޞުރުގައި ހުންނަ އަބޫދާބީ އިސްލާމިކް ބޭންކުގެ އެމްޑީ އަދި ސީއީއޯ ނިވައިން ލުޠްފީ ދިރިއުޅޭ ގެއިން ވައްކަންކުރަން ވަނުމަށްފަހު އެކަމަނާއަށް ހަމަލާދީ މަރާލި މީހަކު މިޞުރުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާއަކީ އެ އިމާރާތުގެ ސެކިޔުރިޓީ ގާޑު ކަމަށާއި އެގެއަށް ވަނީ ބަދިގޭގެ ކުޑަދޮރެއް ހަލާކޮށްލައިގެން ވައްކަންކުރަން ކަމަށެވެ. އޭނާ ވަންކަން އެކަމަނާއަށް އެނގުމުން ވަޅިއަކުން ހަމަލާދީ މަރައިލުމަށްފަހު ފިލީ ކަމަށެވެ. އަދި ފިލާފައިވަނީ އައިޕޭޑަކާއި 600 ޑޮލަރާއި އަދި އެކަމަނާގެ ގިނަ އަދަދެއްގެ ތަކެތި ހިފައިގެން ކަމަށެވެ.
ފުލުހުން ބުނީ އެކަންކުރި ކަރީމް ސާބަރަކީ ޑްރަގް ބޭނުންކުރާ މީހެއް ކަމަށާއި ވައްކަމާއި ފޭރުމުގެ 10 މައްސަލަ ރެކޯޑް ކުރެވިފައިވާ މީހެއް ކަމަށެވެ.
އުމުރުން 64 އަހަރުގެ ނިވައިން ލުޠްފީ އަކީ މިޞުރާއި އެމެރިކާއިން މަތީ ތައުލީމް ހާޞިލުކޮށް އެކި ޤައުމުތަކުގެ ބޭންކިންގ ދާއިރާގައި ޚިދުމަތްކޮށްފައިވާ އަންހެނެކެވެ.
1976 ވަނަ އަހަރު އަބުދާބީ ބޭންކާއި ގުޅުމަށްފަހު އެބޭންކަކީ ސައްތައިން ސައްތަ އިސްލާމިކް ބޭންކަކަށް ހެދުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިޞުރުގައި ހުންނަ އަބޫދާބީ އިސްލާމިކް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުކަމާއި ސީއީއޯކަން އޭނާއަށް ލިބުނީ 2008 ވަނަ އަހަރުއެވެ.