ގްރީކްގެ ވެރިރަށް އެތެންސްގައި ދިރިއުޅޭ މުސްލިމުންނަށް ނަމާދުކުރާނެ މިސްކިތެއް އަދި މިހައިތަނަށްވެސް ލިބިފައެއް ނުވެއެވެ. އެމީހުން ނަމާދުކުރަނީ ގުދަންތައް ފަދަ ތަންތަނުގައެވެ.
އެތެންސްގައި މިސްކިތެއް އެޅޭނެ ގޮތަށް 2006 ވަނަ އަހަރު ވަނީ ޤާނޫނެއް ފާސްކޮށްފައެވެ. ނަމަވެސް 10 އަހަރު ދުވަސް ފާއިތުވެގެންދިއައިރުވެސް މިސްކިތް އެޅޭނެ ގޮތެއް ނުވެފައިވަނީ އެކަމާއި ދެކޮޅު ހަދަމުން ގެންދާ ކްރިސްޓިއަނުންގެ ސަބަބުންނެވެ.
އެތެންސްގެ މުސްލިމުން އުންމީދުކުރަނީ ކިތަންމެ ކުޑަ ނަމަވެސް މިސްކިތެއް އެޅޭނެ ދުވަހަކަށެވެ. އެމީހުން ވަނީ ވުޟޫކުރާ ތަނަކާއިއެކު އެއްފަހަރާ 350 މުސްލިމުންނަށް ނަމާދުކުރެވޭނެ ވަރުގެ މިސްވކިތެއް އެޅުމަށް ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ވެފައެވެ.
ގްރީސްގެ މުސްލިމް އެސޯސިއޭޝަންގެ ރައީސް ނަޢީމް އިލިގަންދަރު ވިދާޅުވީ މުސްލިމުން ތިބީ މިސްކިތަކަށް އެދި ކެތް މަދުވެފައި ކަމަށެވެ.
އަދި ފުރިހަމަ އިމާމެއްގެ ފަހަތުގައި ނަމާދުކުރުމަކީ އެތެންސްގެ މުސްލިމުން އެންމެ އެދޭ ކަންތައް ކަމަށެވެ. "އަހަރެމެންނަށް މިސްކިތެއް ނެތުމުން ފުރިހަމަ އިމާމަކު ގެންގުޅެން ވަރަށް އުނދަނގޫ. އެހެންވެ އަބަދުވެސް މިޖެހެނީ ވަގުތީ އިމާމެއްގެ ފަހަތުގައި ނަމާދުކުރަން. މިނޫން ގޮތެއް އަހަރެމެން ބޭނުން."
ގްރީސް އަކީވެސް އެމީހަކު ބޭނުން ދީނަކަށް އުޅެން ހުއްދަކުރާ ޤައުމެކެވެ. މުސްލިމުންނަށް ނެތީ މިސްކިތެއް އަޅައި މިސްކިތުގައި ނަމާދުކުރުމުގެ ހުއްދައެވެ.