ރާއްޖޭގެ ގިނަ ކުޅިވަރު މުބާރާތްތަކާއި ޤައުމީ ކަލަރސް އެވޯޑް ސްޕޮންސަރުކުރަމުން ގެންދާ މައިލޯއިން ސްޕޮންސަރކޮށްފައިވާ 43 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި 9 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ތެރެއިން ދަނީ މޮޅެތި ކުޅުންތަކެއް ފެންނަމުންނެވެ.
މިމަހުގެ 22 ވަނަ ދުވަހު ފެށި މިމުބާރާތުގެ އަތޮޅު ލީގް ބައިގައި އެކަނިވެސް 115 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ 43 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގައިވެސް 115 ވަރަކަށް ކުޅުންތެރިން ގެންދަނީ ވާދަކުރަމުންނެވެ.
ބެޑްމިންޓަނަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. ރާއްޖެއަށް އެންމެ ގިނަ މެޑެލް ލިބިފައިވާ އެއް ކުޅިވަރަކީވެސް ބެޑްމިންޓަނެވެ.
ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދާނަމަ މުބާރާތުގެ ކުޅުން ނިމި ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ 1 ޑިސެމްބަރުގައެވެ.