އިޒްރޭލުގައި ހިނގައިގެން އުޅޭ ބޮޑުހުލުގެ ހާދިސާވެސް އިޒްރޭލުގެ ވެރިން މިހާރު "ކަނޑިލަމުން" ގެންދަނީ ހައިފާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ބޮލަށެވެ. މިހާރު ބުނަނީ އެއީ ޤައުމިއްޔަތަށްޓަކައި ބައަކު ކޮށްގެން އުޅޭ ކަމަށެވެ.
މިހާރު ހިނގައިގެން އުޅެނީ 2010 ގެ ފަހުން އިޒްރޭލުގައި ހިނގާފައިވާ ބޮޑުހުޅުގެ އެންމެ ބޮޑު ހާދިސާއެވެ. މިހާދިސާގައި ރޯވި އަލިފާނުން ބައެއް އަދިވެސް ވަނީ މުޅިން ނިއްވައި ނުލެވިއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަލަސްޠީނުގެ ސިފައިން ވަނީ އެހީތެރިވެފައެވެ. އަދި އުރުދުން އާއި މިޞުރުންވެސް ވަނީ އެހީތެރިވެފައެވެ. ޔޫރަޕުގެ ބައެއް ޤައުމުތަކުންވެސް ވަނީ އެހީތެރިވެފައެވެ. ސައިޕްރަސް ރަސިއާ އަދި ތުރުކީންވެސް ވަނީ އެހީތެރިވެފައެވެ.
ޔަހޫދީ ފުލުހުން މިއަދު ބުނީ ހުޅުޖެހި ކަމަށް ބެލެވޭ 12 މީހަކު މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބަންދުކުރި މީހުންގެ ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.