ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ޓީސީ އާއި އީގަލްސް ޖާގަ ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ޓީސީ އާއި އީގަލްސް ޖާގަ ހޯދައިފި
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ވަރުގަދަ މާޒިޔާ 2-0 އިން ބަލިކޮށް ޓީސީ އަދި ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ޖާގަ ހޯދައިފިއެވެ.

އެންމެފަހުން އެކުލަވާލި ރާއްޖޭ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ 11 ކުޅުންތެރިން ތިބި މާޒިޔާގެ މައްޗަށް ޓީސީއިން ކުރި ހޯދީ ޒުވާން ދެކުޅުންތެރިން ކަމުގައިވާ އަހުމަދު ނިޒާމް އާއި ނާއިޒް ހަސަން (ދާދު) އެވެ. ޓީސީއިން ލީޑް ނެގީ މެޗުގެ 55 ވަނަ މިނެޓުގައި ނިޒާމް ކާމިޔާބު ކުރި ލަނޑުންނެވެ. އަނިޔާގެ ސަބަބުން އަލީ އަޝްފާޤް (ދަގަނޑޭ) ނުލައި ކުޅެމުންދިޔަ މާޒިޔާ ރޮއްވާލުމަށްފަހު ޓީސީއަށް ފައިނަލުގެ ޖާގަ ޔަގީން ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައި ވަނިކޮށް ދާދުއެވެ.

އީގަލްސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު ފަހަތުން އަރައި ޔުނައިޓެޑު ވިކްޓަރީގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. އީގަލްސްގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު މުސްތަފާ ސެޑިކެވެ. އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ މެސަޑޯނިޔާގެ ފޯވާޑް ރިސްޓޭއެވެ. ޔުނައިޓެޑް ވިކްޓަރީގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އަލީ ހައިޝަމް އާއި ކެޕްޓަން ހުސައިން ޝިމާޒް (ކޮކީ) އެވެ.

މިއީ އީގަލްސް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން އެޓީމް ވަނީ 2014 ވަނަ އަހަރު ފައިނަލުގައި ނިއު އަތުން 1-0 އިން ބަލިވެފައެވެ. އަނެއްކޮޅުން މިއީ ޓީސީ ފުރަތަމަ ޑިވިޝަނުގެ ފައިނަލަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އީގަލްސް އާއި ޓީސީ ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.
މިއަދު އޮންލައިން