ދުބާއީ ޕޮލިސް ޗީފްގެ ޖަނާޒާ- ދުބާއީ ރައްޔިތުންގެ ލޯތައް ކަރުނައިން ފުރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދުބާއީ ޕޮލިސް ޗީފްގެ ޖަނާޒާ- ދުބާއީ ރައްޔިތުންގެ ލޯތައް ކަރުނައިން ފުރުވައިފި
ދުބާއީ ޕޮލިސް ޗީފް ލެފްޓިނަންޓް ޖެނެރަލް ކާމިސް މައްތާރު އަލް މަޒައިނާ ގެ ޖަނާޒާއަށް ދިއަ އެތައް ހާސް ބައެއްގެ ލޯތަކުން ދިއައީ ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުންނެވެ.

ދުބާއީގެ އެންމެ އިސްވެރިންނާއި އިސް ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންގެ ލޯތަކުން ކަރުނަ އޮހޮރެމުންދިއަ މަންޒަރު ބަލަން ތިބި ބައެއް މީހުން ބުނީ ޖާގައިގެ ސަބަބުން ޖަނަޒާއަށް ނާދެވުނު ނަމަވެސް ދުބާއީގެ ރައްޔިތުންނާއި ދުބާއީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންވެސް ގެންދަނީ ކަރުނަ އޮހޮރަމުން ކަމަށެވެ.

އަލްމަޒައިނާގެ ޖަނާޒާއަށް ގިނަ އަދަދެއްގެ ބައަކު ވަނީ ފުރޮޅުލީ ގޮނޑީގައިވެސް ގޮސްފައެވެ.

އަލްމަޒައިނާއަށް މިހައި ބޮޑު ތާއީދެއް ލިބިގެން ގޮސްފައި މިވަނީ އެއްވެސް މީހަކަށް ބެއްލެވުމެއް ނެތި ދުބާއީގެ ކަންކަން ބަލަހައްޓަވާފައިވާތީއެވެ.

އެންމެ މަތިން ފެށިގެން ތިރިއަށް ހަމަހަމަކަމާއިއެކު ކަންކަން ކުރައްވާފައިވާތީއެވެ. ފުލުހުންގެ އެހީތެރިކަމަށް އެދޭ ކޮންމެ މީހަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި ޚިދުމަތް ދެއްވާފައިވަތީއެވެ. ބައްދަލުކުރަން ބޭނުންވި ކޮންމެ މީހަކާއި ބައްދަލުކުރައްވަމުން ގެންދެވިތީއެވެ. ދައުވަތު ދެއްވައިގެން ރައްޔިތުން ގެންނަވައި އެމީހުންގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވަމުން ގެންދެވީތީއެވެ.

އަލްމަޒައިނާ ވެވަޑައިގަތީ އެންމެގެ ލޯބި ހޯއްދެވި ޕޮލިސް ކޮމިޝަނަރަކަށެވެ. މިއީ މަދުން ނޫނީ ދުނިޔެއިން ފެންނަ ކަންކަން ނޫންކަން ފާހަގަކުރަންޖެހެއެވެ.

އަލްމަޒައިނާ ހޮސްޕިޓަލަށް ގެންދެވުނީ މޭފުޅަށް އުނދަނގޫފުޅުވާތީ ހުކުރު ވިލޭރޭ ކުއްލި ގޮތަކަށެވެ. މާގިނައިރުތަކެއް ނުވެ މަޒައިނާ ވަނީ އަވަހާރަވެފައެވެ. ޑޮކްޓަރުން ބުނީ ހާޓްއެތޭކެއް ކަމަށެވެ.
މިއަދު އޮންލައިން