ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނުކުންނާނެ އެންމެ ވަރުގަދަ ފިލްމްތަކުގެ ތެރޭގައި ރަޖުނީކާންތުގެ ސުޕަ ހިޓް ފިލްމް "ރޮބޮޓް"ގެ ދެ ވަނަ ބައި "ރޮބޮޓް 2.0" ހިމެނެއެވެ. މި ފިލްމް ހާއްސަވެފައި ވަނީ ރަޖުނީކާންތު ފިލްމުން ފެނިގެންދާތީ އެކަންޏެއް ނޫނެވެ. މި ފިލްމްގައި ބޮލީވުޑްގެ ސުޕަ ސްޓާ އަކްޝޭ ކުމާރު ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.
"ރޮބޮޓް 2.0" ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ފިލްމްގެ ބައެއް ޕޯސްޓަރުތައް މިހާރު ވަނީ އާންމުވެފައެވެ. އެ ގޮތުން އަކްޝޭގެ ޕޯސްޓަރެއް އާންމުވެފައިވާ އިރު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.
މި ފިލްމްގެ ފުރަތަމަ ބައިން އައިޝްވާރްޔާ ރާއީ ފެނިގެން ގޮސްފައިވާއިރު ދެ ވަނަ ބައިން ފެނިގެންދާނީ އިނގިރޭސި އެކްޓަރު އެމީ ޖެކްސަންއެވެ. އޭނާ ވަނީ މީގެ ކުރިން ތެލަގޫ އަދި ހިންދީ ފިލްމްތަކުގައި ވެސް ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި އަކްޝޭގެ "ސިންގް އިސް ބްލިންގް" ފާހަގަކޮށްލެވެއެވެ.
މި ފިލްމް ޑަރެކްޓްކުރާނީ ސެސް. ޝަންކަރްއެވެ. މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އޭއާރު ރަހްމާނެވެ.