ވިދުވަރު ބަލިކޮށް ޙުޅުމާލެ ވިމަންސް ސްޕޯޓްސް ކްލަބް އެސްޓީއޯ ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ވިދުވަރު ބަލިކޮށް ޙުޅުމާލެ ވިމަންސް ސްޕޯޓްސް ކްލަބް އެސްޓީއޯ ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
ބޮޑު ބައްޔަކުން މިދިއަ އަހަރުގެ ރަނަރއަޕް ޓީމްކަމަށްވާ ވިދުވަރު ޓީމް ބަލިކޮށް ޙުޅުމާލެ ވިމަންސް ސްޕޯޓްސް ކްލަބް އެސްޓީއޯ ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ޙުޅުމާލެ ވިމަންސް ސްޕޯޓްސް ކްލަބް އެސްޓީއޯ ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 24 ލަނޑު 1 ބޯޅަ- 31 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިއީ ފައިނަލް މެޗަކަށް ބަލާއިރު ވަރަށް ބޮޑު ތަފާތެއްކަން ފާހަގަކުރެވެއެވެ. މިފަދަ ބޮޑު ކާމިޔާބެއް ލިބުނީ ފުރަތަމަ އިނިންގްސްގައި 17 ލަނޑު ކާމިޔާބުކޮށް ބޮޑު ތަފާތަކުން ކުރި ހޯދުމުންނެވެ.

މުބާރާތުގެ 3 ވަނަ ޓީމަކީ ކުރީ 4 އަހަރުގެ ވެސް ޗެމްޕިއަން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މައިބާދޫ އިސްދަރިވަރުންގެ ގުޅުމެވެ.

މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަޤާމާއި ބަށި ރާނީގެ މަޤާމް ހޯދީ މައިބާދޫ އެކުވެރި ޒުވާނުންގެ ގުޅުމުގެ ޢާއިޝަތު ލުބްނާއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމާއި ތަށްޓާއި ސެޓުފިކެޓް އަދި މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް އެވެ. އަދި ބަށިރާނީ ޢާއިޝަތު ލުބްނާ އަށް ތަށްޓާއި ފައިސާގެ އިނާމު ދެއްވުމުގެ އިތުރުން ބަށި ރާނީގެ ތާޖް ބަހައްޓަވައި ދެއްވީ ވެސް އެކަމަނާއެވެ.

މަހާރަނި ފާޠިމަތު އިބްރާހީމް ވަނީ މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކަށްވެސް ފައިސާގެ އިނާމެއް ދެއްވައިފައެވެ.

މުބާރާތުގެ ރަނަރއަޕް ޓީމް ވިދުވަރަށް ފައިސާގެ އިނާމާއި ތަށްޓާއި މެޑެލް ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރުއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަށާއި 3 ވަނަ ޓީމަށް ފައިސާގެ އިނާމާއި މެޑެލް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ބޯޑް ޑިރެކްޓަރ ޢާއިޝަތު ރަފިއްޔާއެވެ.

މުބާރާތުގެ އެންމެ މޮޅު ހިފުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލޭ ވިމަންސް ސްޕޯޓްސް ކްލަބްގެ ޢާއިޝަތު މިންނާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ތ. އޮމަދޫ އުޖާލާ ޓީމްގެ މަރިޔަމް ޢާފިޔާއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ބަށި މުބަރާތެވެ. ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ، ރަނަރއަޕް ޓީމަށް 50،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 25،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 10،000 ރުފިޔާގެ އިތުރުން ބަށި ރާނީ އަށާއި ވަނަތައް ހާޞިލްކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމުގެ އިތުރުން ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ފައިސާގެ ހަދިޔާއެއް އެސްޓީއޯ އިން ދަނީ ދެމުންނެވެ.
މިއަދު އޮންލައިން