ޒުވާން އުއްމީދީ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން 1-0 އިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މިފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރިޒޭ ކާމިޔާ ކުރީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެފައި އޮތުމުން އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގައެވެ.
މެޗް ފަށައިގެން މޮޅަށް މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ އީގަލްސްއިންނެވެ. އަހެންނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ޓީސީން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ކުޅެން އަރުވާފައެވެ.މިއާއެކު އީގަލްސްގެ ޑިފެންސްލައިނަށް ކޮންމެވެސް ވަރަކަށް ބާރު ބޮޑުވެގެންދިޔަ ތަން ފެނުނެވެ.
ދެވަނަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އީގަލްސްގެ މިސްރުގެ މިޑްފީލްޑަރު މުސްތަފާ ސެޑިކަށެވެ. ކައުންޓަ އެޓޭކެއްގައި އުފެއްދި މިހަމަލާ މުސްތަފާއަށް ގޯލަށް ފޮނުވާނުލެވުނީ އޭނާގެ ހަރަކާތްތައް ލަސްވުމުންނެވެ.
ޓީސީން މެޗް ކޮންޓްރޯލް އަތުލާފައި ވަނިކޮށް ޓީސީގެ ކުޅުންގަނޑުގެ މައްޗަށް އީގަލްްސްއިން ގަދަވެގަތީ ޒުވާން ވިންގަރ ހަސަން ރާއިފް އަހުމަދު (ހަންނަ) ކުޅެން އަރުވައިގެންނެވެ. ހަންނަ ކުޅެން ނިކުތުމާއެކު ޓީސީގެ ހާފް ތެރޭގައި އީގަލްސްއިން ބޯޅަ ހިފަހައްޓާ މިންވަރު އިތުރުވެ އެޓީމުގެ ފޯވާޑް ރިސްޓޭއަށް ލިބޭ ބޯޅަތައް ގިނަވެގެންދިޔައެވެ.
ރިޒޭގެ ލަނޑުން އީގަލްސް ލީޑް ނެގުމާއެކު ޓީސީގެ ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސްވެ ކުޅުން ވަރަށް ބޮޑަށް ދަށްވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފައުލްތައް ގިނަވުމެވެ. މިގޮތުން އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޓީސީގެ ކެޕްޓަން އަހުމަދު ޔާމީންއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ. ޔާމީނަށް ރަތްކާޑް ދެއްކީ އީގަލްސްގެ ޑިފެންޑަރު މުޖްތާޒް މުހައްމަދުގެ ފަޔަށް ގަސްދުގައި ހަމަލާ ދިނުމުންނެވެ.
މިއީ އީގަލްސްއިން ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ތައްޓެެވެ. މިކާމިޔާބީއާއެކު އެޓީމުގެ ކޯޗް އަދި ރާއްޖޭ ގައުމީ ޓީމު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެސިސްޓެންޓް ކޯޗަކަށްހުރި އިހްސާން އަބްދުލް ގަނީ (ސާންތި) އަށް ވަނީ ބޮޑު އުފަލެއް ލިބިގެން ގޮސްފައެވެ.
އަނެއްކޮޅުން މިއީ މިސީޒަނުގައި ޓީސީ ބަލިވި 2 ވަނަ ފައިނަލެވެ. ޓީސީ ވަނީ އެފްއޭ ކަޕް ފައިނަލުގައި ވެލެންސިޔާ އަތުން 3-1 އިން ބަލިވެފައެވެ. މީގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި އީގަލްސް އަތުން ޓީސީ ބަލިވީ 3-5 އިންނެވެ.