ރަމަޟާން މަހުގެ ހުކުރު ދުވަހު އިންޑިއާގެ އާސާމް ސްޓޭޓްގައި ސަރުކާރުން ހިންގާ މަދުރަސާތައް ބަންދުނުކުރެވޭނެ ކަމަށް އެސްޓޭޓްގެ ޔޫނިއަން އެޑިޔުކޭޝަން މިނިސްޓަރު ހިމަންތާ ބިސްވާ ސަމާ ބުނެފިއެވެ. ހުކުރު ދުވަހު މަދުރަސާތަކުގައި ކިޔަވައިދިން ނަމަވެސް ހުކުރު ނަމާދަށް ދިއުމަށް 1 ގަޑިއިރުގެ ވަގުތުކޮޅެއް ދޭނެ ކަމަށްވެސް އޭނާ ބުނެއެވެ.
އޭނާ ބުނީ ހުކުރު ދުވަހު މަދުރަސާތައް ބަންދުކުރަންޖެހޭނެކަން އަންގައިދޭ އެއްވެސް ޤާނޫނެއް އިންޑިއާގައި ނެތް ކަމަށެވެ. އެހެންކަމުން ރަމަޟާން މަހަށްވީތީ ޚާއްޞަ އިނާޔަތެއް ނުދެވޭނެ ކަމަށެވެ.
އޭނާ ބުނީ މުދައްރިސުންނަށް މުސާރަ ދެނީ ސަރުކާރުން ކަމަށާއި މުސާރަ ދެނީ ހުކުރު ދުވަސް ވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން މުދައްރިސުން ބޭނުންވުމުން ޗުއްޓީ ދުވަހަކަށް ރަމަޟާން މަހުގެ ހުކުރު ދުވަސް ނުހެދޭނެ ކަމަށެވެ. އަދި މިކަންކަން ވަރަށް އަވަހަށް ލިޔުމަކުން މަދުރަސާތަކަށް އަންގާނެ ކަމަށެވެ.
އިންޑިއާގައި ސަރުކާރުން ހިންގާ މަދުރަސާތަކަކީ މުސްލިމް ކުދިންނަށް ދީނީ މައުލޫމާތު ދިނުމަށާއި ޤްރްއާން ކިޔަވަން ދަސްކޮށްދިނުން ފަދަ ކަންކަމަށް ހިންގާ މަދުރަސާތަކެކެވެ. މިސަރުކާރު ވެރިކަމަށް އައިފަހުން މުސްލިމުން ރުޅިއެރުވުމަށް އެކި ސްޓޭޓްތަކުގައި ތަފާތު ކަންކަން ގެންދަނީ ކުރަމުންނެވެ.