އަން ސަން ސޫކީގެ ޑިމޮކްރަސީއަކީ މުސްލިމުން މަރައި ހުސްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އަން ސަން ސޫކީގެ ޑިމޮކްރަސީއަކީ މުސްލިމުން މަރައި ހުސްކުރުން!
ބޮލުގައި ޑިމޮކްރަސީގެ ތާޖެއް، ގައަށް ޑިމޮކްރަސީގެ އުރައެއް، ފަޔަށް ޑިމޮކްރަސީގެ އިސްޓާކީނެއް ލައި މުޅި ދުނިޔެއަށް ޑިމޮކްރަސީ ދައްކަމުން ވެރިކަމަށް އައި މިޔަންމާގެ ސޫކީ މިހާރު ވެފައިވަނީ މާގްރެޓް ތެޗަރ އަށްފަހު އުފެދުނު ދެވަނަ ދަގަނޑު އަންހެނާ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ބުނަން ފަށައިފިއެވެ.

ފާއިތުވި މަހެއްހައި ދުވަސް ތެރޭގައި ވެސް އެތައް ހާސް މުސްލިމުންގެ ގެދޮރުގައި ހުޅުޖަހައި އަންދައިފިއެވެ. އެތައް ހާސް ބައަކު މަރައިފިއެވެ. އެތައް ހާސް މުސްލިމް އަންހެނުން ރޭޕްކޮށްފިއެވެ. ނަތީޖާއެއްގެ ގޮތުން 30،000 އަށްވުރެ ގިނަ މުސްލިމުން ވަނީ ގެދޮރު ދޫކޮށް ބެންކޮކް ބޯޑަރަށް ގޮސްފައެވެ.

ސޫކީގެ އެންމެ މޮޅު ކަމަކީ މިއިން އެއްވެސް ކަމަކަށް އެއްބަސް ނުވުމެވެ. "ޓެރަރިސްޓުން" ހޯދަންދާ ސިފައިން ގެތަކުގައި ހުޅުޖަހަމުންދާއިރު ސޫކީ ބުނަނީ ހުޅުޖަހަނީ މުސްލިމުން އަމިއްލައަށް ކަމަށެވެ. އަންނަ ނާންނަ ތަނެއް ނުއެނގޭ މީހުން ބައިބައަށް އައިސް މުސްލިމް އަންހެނުންނާއި ގަދަ ކަމުން ޖިންސީ ގުޅުން ހިންގައި މަރަމުން ގެންދާއިރު ސުކީ ބުނަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ހިންގާ އެއްވެސް ސަރަހައްދަކަށް ނޫސްވެރިންވެސް ނުވައްދައެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ އެފަދަ ސަރަހައްދުތަކަށް ދާން ނޫސްވެރިން ވަރަށް ގިނަ މަސައްކަތްކޮށްފި ކަމަށާއި ނަމަވެސް އެއްވެސް ފުރުޞަތެއް ނުލިބުނު ކަމަށެވެ.

ސޫކީ އަކީ އަނިޔާވެރި ވެރިއެއްކަން ދުނިޔެއަށް މިވަނީ ހާމަވެފައެވެ. ޞުލްޙައިގެ ނޯބަލް އިނާމުގެ ބަދަލުގައި ސޫކީއަށް މިހާރު އެންމެ ހައްޤީ އަނިޔާވެރިކަމުގެ ލަޤަބުކަމަށް ދުނިޔޭގެ ގިނަ މީޑިއާތަކުން މިހާރު ދަނީ ބުނަމުންނެވެ.

ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވި ނަމަވެސް އަދި ކޮންމެ ދަރިކޮޅަކަށް ނިޞްބަތްވި ނަމަވެސް އިންސާނުންނަކީ އިންސާނުންނެވެ. އެއްވެސް އިންސާނަކަށް އަނިޔާވެރިވުމަކީ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫނެވެ. އަދި ދީނެއް ޤަބޫލު ނުކުރާ މީހުންނަކީ ވެސް އަނިޔާވެރިވުމަށް ތާއީދުކުރާ ބައެއް ނޫނެވެ. އެހެންކަމުން ސޫކީ އަކީ މިހާރު ކޮން ހައިޞިއްޔަތެއްގައި ހުރި އަންހެނެއް ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން