ބޮޑު ދައިތައަށް ބޭނުންވާ ބޭހެއް ސީރިޔާއިން ޔޫއޭއީ އަށް ގެނެސްދިން ޒުވާނަކު އެކަމާއި ގުޅިގެން ޖަލަށް ލުމުން ބަދަލުގައި ޖަލަށްދާން ބޮޑުދައިތަ އެދިއްޖެއެވެ.
ޔޫއޭއީގައި ދިރިއުޅޭ ފަސްޠީނުގެ 26 އަހަރުގެ ޒުވާނާ ސީރިޔާއަށް ދިއައީ ޗުއްޓީއެއްގައެވެ. އެނބުރި އައުމުގެ 3 ދުވަސް ކުރިން ވަނީ ކައިވެނިކޮށްފައެވެ. ކައިވެނި ކުރީވެސް ބޮޑު ދައިތަ ބުނެގެން ބޮޑު ދައިތަ ދެއްކި އަންހެން ކުއްޖަކާއިއެވެ.
އައުމުގެ ކުރިން ޔުއޭއީގައި ހުރި ބޮދު ދައިތައަށް ބޭނުންވާ 240 ގުޅަ ބޭސް، ސީރިޔާގައި ހުރި ބޮޑުދައިތަ ދިނުމުން ފޮށްޓަށްލައިގެން އައީ އެއީ ކޮން އެއެޗެއްކަން ބަލައިވެސް ނުލައެވެ. އެއީ އާންމުކޮށް ބޭނުންކުރުން މަނާ ބޭހެއްކަން އެނގުނީ ކަސްޓަމުން ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރުމުންނެވެ.
ބޮޑުދައިތައަށް ފޯނުކުރުމުން ބޭސް ސިޓީ ހިފައިގެން އައިސް އެއީ އޭނާ ޢާންމުކޮށް ކާންޖެހޭ ބޭހެއްކަން ސާބިތުކޮށްދިނުމުން ވެސް ފުލުހުން ވަނީ މަނާ ބޭހެއް އެތެރެކުރުމުގެ ކުށުގައި ޒުވާނާ ބަންދުކޮށް ކޯޓަށް ހުށަހަޅައިފައެވެ.
ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ބޮޑުދައިތަ ބުނީ ކޮއްކޮ ލައްވައި އެ ބޭސް ގެނުވީ އެބޭހަކީ ޔޫއޭއީ އިން ނުލިބޭ ބޭހަކަށް ވުމުން ކަމަށާއި ހީކުރީ ބޭސް ސިޓީ ހުށަހެޅުމުން ދޫކުރާނެ ކަމަށް ކަމަށެވެ. އަދި އެބޭހާއި ބެހޭ އެއްވެސް މައުލުމާތެއް ކޮއްކޮއަށް ނުވެސް އެނގޭނެ ކަމަށެވެ.
ބޮޑު ދައިތަ ބުނީ ކޮއްކޮ އައީ ބޮޑުދައިތަ ބުނި ކުއްޖަކާ ކައިވެނިވެސް ކޮށްގެން ކަމަށާއި ކައިވެންޏަށް އެންމެ 3 ދުވަސްތެރޭގައި ކޮއްކޮގެ ދިރިއުޅުން ބޮޑުދައިތަ އާއިހުރެ ހަލާކުވާން ބޭނުން ނޫން ކަމަށެވެ. އެހެންކަމުން ކޮއްކޮގެ ބަދަލުގައި އޭނާ ޖަލުގައި ބަންދުކޮށްފައި ކޮއްކޮ މިނިވަންކޮށް ދިނުން އެދޭ ކަމަށެވެ.
ފަނޑިޔާރުން ބުނީ ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށެވެ.