އިންޑިއާ އާއި ޤަތަރާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
ދެ ޤައުމުގެ މެދުގައި މިއަދު ސޮއިކުރި 4 އެއްބަސްވުމަކީ ސައިބަރކްރައިމްގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި ވިސާ އާއިބެހޭ އެއްބަސްވުމަކާއި އިންވެސްޓްމަންޓްގެ ދާއިރާތަކުން ވެވުނު އެއްބަސްވުންތަކެކެވެ.
ވިސާ އާއިބެހޭ އެއްބަސްވުމުގައިވާގޮތުން ދެ ޤައުމުގެ ރަސްމީ ޚާއްޞަ ޕާސްޕޯޓަށާއި އަދި ޑިޕޮލޮމެޓިކް ޕާސްޕޯޓަށް ވިސާއަކާއި ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެއެވެ. އަދި ވިޔަފަރިވެރިންނަށް އީވިސާ ދޫކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުންތައް ވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ.
މޯދީގެ މިދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ޤައުމުގެ މެދުގައި ވިޔަފަރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.