އައްޑޫސިޓީ ޓީމާއި އަވަ ކާމިޔާބީތަކާއެކު މާދަމާ އައްޑުއަށް ފުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އައްޑޫސިޓީ ޓީމާއި އަވަ ކާމިޔާބީތަކާއެކު މާދަމާ އައްޑުއަށް ފުރަނީ
މާލޭގައި ބޭއްވި ނުވަވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ހޯދި އައްޑޫ ސިޓީ ބެޑްމިންޓަން ޓީމާއި، ގައުމީ މުބާރާތުގެ ދެވަނަ ހޯދި ޓީމް މާދަމާ އައްޑުއަށް ދާނެއެވެ.

މި ދެ ޓީމުގެ މެނޭޖަރ މޫސާ ފަތުހީ ވިދާޅުވީ ޓީމްގެ ޗެކިން އޮތީ ހަވީރު 3.00 ގައި ކަމަށެވެ. މާލެއިން ފުރައިގެން ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ބޯޓު ޖައްސާނީ ހަވީރު 6.20 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޓީމަށް މަރުހަބާ ކިޔުމަށް އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ ތައްޔާރުވަމުންނެވެ. ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ވިދާޅުވީ އަތޮޅު ލީގުގެ ޗެންޕިއަންކަން ހޯދި ޓީމާއި 43 ވަނަ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ހޯދި އައްޑޫ ވިމެން އެސޯސިއޭޝަން (އަވަ) އަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކެއް ރާވަމުން ގެންދަވާ ކަމަށެވެ.

ޓީމު އެއާޕޯޓުން އެއްގަމަށް ދަތުރުކުރާނީ ތައްޓާއެކު ބަހުގައެވެ. ރަށުތެރޭގައި ތައްޓާއެކު ދުއްވުމަށްފަހު ސިޓީ ކައުންސިލް އިދާރާއަށް މަޑުކުރާނެއެވެ. އަދި އެތަނުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) އާ ތަށި ހަވާލު ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ޓީމުގެ ޝަރަފުގައި ބާއްވާ ޚާއްސަ ރިސެޕްޝަނެއްވެސް އޮންނާނެއެވެ.

މިއަދު އޮންލައިން