ހަލްބުން އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ކެނޑެނީ- އަމާން 5 ދުވަހަށް އެދިއްޖެ!
ޙަލްބުގައި ތިބި އިދިކޮޅު ހަނގުޜާމަވެރިން އަމާން 5 ދުވަހަށް އެދިއްޖެއެވެ. ހަނގުރާމަވެރިން ބުނެފައިވަނީ ހަލްބުގެ ޢާންމު ރައްޔިތުން އެމީހުންގެ ބާރުގެދަށުގައިވާ ހަލްބުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރަން 5 ދުވަސް ބޭނުންވާ ކަމަށެވެ.
ހަލްބުގެ ރައްޔިތުން އުތުރު ހަލްބުގެ އަމާން ސަރަހައްދުތަކަށް ބަދަލުކޮށް އިންސާނީ ހައްޤުތައް ފޯރުކޮށްދިނުމުން ސިޓީގެ މުސްތަޤްބަލާއިމެދު މަޝްވަރާކުރަން ތައްޔާﷲރަށް ތިބި ކަމަށްވެސް ހަނގުރާމަވެރިން ވަނީ ބުނެފައެވެ.
އިދިކޮޅު ހަނގުރާމަވެރިން މިފަދަ ބަޔާނެއް ނެރުނުއިރު ހަލްބުގެ ތިންބައިކުޅަ ދެބައި ބަޝާރުގެ ސިފައިން ވަނީ ހިފައިފައެވެ.
ތުރުކީން ގެންދަނީ އިދިކޮޅު ހަނގުރާމަވެރިންނާއި ރަސިއާ އާއި ދެމެދުގައި މަޝްވަރާކުރުވޭތޯ މަސައްކަތްކުރަމުންނެވެ. ތުރުކީން ބުނެފައިވަނީ ދެފަރާތް ވާހަކަދައްކައި ރައްޔިތުންގެ ފުރާނައަށް ސަލާމަތްކަން ހޯދައި ނުދެވިއްޖެނަމަ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މަރުވެގެން ހިނގައިދާނެކަމުގެ ބިރު ބޮޑުކަމަށެވެ.
ހަލްބުގައި 5 ދުވަހުގެ އަމާންކަން ޤާއިމުކުރުމަށް އދގެ ސެކިޔުރިޓީ ކައުންސިލަށް މިދިއަ ހަފްތާގައި ހުށަހެޅި ޤަރާރު ފާސްނުވީ ރަސިއާ އާއި ޗައިނާއިން ޤަރާރާއި ދެކޮޅަށް ވޯޓޫ ދިނުމުންނެވެ.