ޖުނައިދު ޖަމްޝީދުގެ ކުއްލި ނިޔާވުން: އެތައް މިލިއަން މުސްލިމުން ރޮއްވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޖުނައިދު ޖަމްޝީދުގެ ކުއްލި ނިޔާވުން: އެތައް މިލިއަން މުސްލިމުން ރޮއްވާލައިފި!

ޕީއައިއޭގެ ފްލައިޓް އިއްޔެ ވެށްޓުނު ހާދިސާގައި ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ޚިދުަމަތްރަންފެށި ޖުނައިދު ޖަމްޝީދު ނިޔާވުމުން އެތައް މިލިއަން މުސްލިމުން ގެންދަނީ ހިތާމަކުރަމުންނެވެ. ޖުނައިދު ޖަމްޝީދު ނިޔާވި ޚަބަރު ދުނިޔޭގެ އެންމެ ބޮޑެތި ވަރަށް ގިނަ މީޑިއާތަކުން ވަނީ ފަލަ ސުރުޚީގައި ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޖުނައިދު ޖަމްޝީދަކީ ތަބްލީޣް ޖަމާއަތުގެ މެންބަރެކެވެ. އޭނާ އޭނާގެ އާއިލާ އާއިއެކު ޗިތްރާލަށް ދިއައީ އިސްލާމް ދީނާއިމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށެވެ. އަދި އިއްޔެ އިސްލާމް އާބާދަށް ފުރީ އިސްލާމް އާބާދުގެ ޕާލަމެންޓް މޮސްކްގައި ހުކުރު ދުވަހު އިމާމްވެ ހުކުރު ނަމާދުކުރުމަށެވެ. އޭނާ ދަތުރުުކުރީ އޭނާގެ ޢާއިލާ އާއިވެސް އެކުގައިކަމަށްވާތީ އާއިލާގެ އެންމެންވެސް ވަނީ ނިޔާވެފައެވެ.
(ޕާކިސްތާނުގެ ބައެއް ނޫސްތަކުން އެގޮތަށް ބުނެފައިވީނަމަވެސް ފްލައިޓުގައި ދަތުރުކުރި ފަސިންޖަރުންގެ ލިސްޓުން ފެންނަނީ ޖުނައިދު ޖަމްޝިދު އާއި އޭނާގެ އަނބިކަނބަލުން ނޭހާގެ ނަމެވެ.)
ޖުނައިދު ޖަމްޝީދަކީ ޕާކިސްތާނުގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނި އިސްލާމް ދީނަށް ގޮވައިލަމުން ގެންދާ ދީނީ ޚިދުމަތްތެރިއެކެވެ. ދުނިޔޭގެ މަޝްހޫރު ދީނީ ޗެނެލްތަކުގައި ތަޤްރީރްކުރާ މީހެކެވެ. އޭނާއަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް އަމަލުކުރުމަށް ބާރުއަޅައި ސުންނަތާއިމެދު ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހެކެވެ.
ޖުނައި ޖަމްޝީދުގެ ޓްވީޓްތަކުން:

"އެންމެން އަނދިރީގައި ތިބި ނަމަވެސް އީމާންތެރިން ތިބޭނީ އަލިކަމުގަ"

"ސިއްރެއް ބުނަން ހެއްޔެވެ. ކަލޭގެ ބަސް ފަތުރަން ބޭނުން ނަމަކަލޭގެ މޮޅުކަމުގެ ވާހަކަ ނުދައްކައި އެހެން މީހުންނަށް ފާޑުކިޔާށެވެ."
"ރަނގަޅު ގޮތް ވިސްނޭނީ ވިސްނަން ބޭނުން މީހުންނަށެވެ. މީހާ ކުރާ ހެޔޮ އަމަލުން މުޅި އުންމަތަށް ފައިދާކުރެއެވެ."
"ކޮންމެ މުޞީބާތަކަށްވެސް އެންމެ މުހިންމު ޝިފާއަކީ ޞަދަޤާތެވެ."
"އެންމެ ބޮޑު ބަލިމަޑުކަމަކީ ކެތްތެރިކަން ކުޑަވުމާއި ކަންނެތްކަމެވެ."
"އެންމެ ބޮޑެތި މުއްސަނދިންނަކީ އަތުގައި އެންމެ ގިނަ ފައިސާހުރި މީހުންނެއް ނޫނެވެ. އެންމެ މަދުން ބޭނުންވާ މީހުންނެވެ."
"މީހަކާ ޒުވާބުކޮށް ޒުވާބުން މޮޅުވެ މީހާ ގެއްލުމަށްވުރެ މުހިންމީ ޒުވާބުން ބަލިވެ މީހާ ލިބުމެވެ."
"އެންމެ ބޮޑެތި މުޞީބާތްތައް ﷲ ކުރިމަތިކުރައްވަވަނީ ﷲގެ އެންމެ ވަރުގަދަ ފަހުލަވާނުންނަށެވެ."

ޖުނައިދު ޖަމްޝީދު ނިޔާވި ޚަބަރު (ރޭ ޝާއިއުކުރި):

ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ޚިދުަމަތްކުރަން ފެށި ޖުނައިދު ޖަމްޝީދު ޕީއައިއޭ ވެށްޓުނު ހާދިސާގަ ނިޔާވެއްޖެ


ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ޚިދުަމަތްރަންފެށި ޖުނައިދު ޖަމްޝީދު މިއަދު ޕީއައިއޭ ފްލައިޓް ވެށްޓުނުު ހާދިސާގައި ނިޔާވެއްޖެއެވެ. ޖުނައިދު ޖަމްޝީދަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެތެރޭގައި މިއަހަރު ހިމެނިފައިވާ މީހެކެވެ. ފޭސްބުކްގައި އޭނާގެ 2.8 މިލިއަން ސަޕޯޓަރުން އެބަތިއްބެވެ.

ޖުނައިދު ޖަމްޝީދަކީ 1980 ވަނަ އަަހަރުން ފެށިގެން 2000 ވަނަ އަހަރަށް ޕާކިސްތާނުގެ ރޮކް ގްރޫޕްތަކާއި ތަފާތު މިޔުޒިކް ގްރޫޕުތަކުގައި ލަވަކިޔުމަށްފަހު އަދި އަމިއްލަ ގްރޫޕެއް ހަދައިގެން ލަވަކިޔައިއުޅުނު މީހެކެވެ. ލަވަކިޔުމުގެ ދާއިރާ ދޫކޮށް އިސްލާމް ދީނަށް ޚިދުމަތްކުރަން ފެށީ 2001 ވަނައަަހަރުއެވެ.

ލަވަކިޔުން ދޫކޮށްލުމަށްފަހު ޖުނައިދު ޖަމްޝީދު ބުނީ އޭނާ ދެން ދެމިހުންނާނީ އިސްލާޭމް ދީނަށް ޚިދުމަތްކުރާ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އެއަށްފަހު ޖުނައިދު ޖަމްޝީދު އަންނަނީ މީސްތަކުންނަށް ދީނީ ނަޞޭހަތް ދިނުން ފަދަ މަސައްކަތްތައް ކުރަމުންނެވެ.

ޖުނައިދު ޖަމްޝީދު މަރުވިއިރު އުމަރަކީ 52 އަހަރެވެ.

މިއަދު ވެށްޓުނު ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ. އެންމެންގެ ހަށިތައްވެސް ވަނީ ކާކުކަން ނުއެނގޭ ވަރަށް އަނދައިފައެވެ.
މިއަދު އޮންލައިން