ސައުދިއަރަބިޔާގައި ހަމަލާތައް ދިނުމަށްޓަކައި ސައުދިއަރަބިޔާއަށް އެތެރެވާން ރޭ މަސައްކަތްކުރި ހޫތީންގެ ޖަމާއަތެއް ފާހަގަކުރެވުމުން ޖަމާއަތަށް ހަމަލާދީ އެންމެން މަރާލައިފިއެވެ.
ސައުދިއަރަބިޔާއިން ރޭ ބުނީ އެމީހުން މަސައްކަތްކުރީ ޖާޒަން ސަރަހައްދު ހުރަސްކޮށް ސައުދީއަށް އެތެރެވާން ކަމަށާއި އެމީހުން ފާހަގަކުރެވުނީ ރޭގަނޑު އަނދިރީގައި ތަންތަން ބަލަން ޚާއްޞަ ކެމެރާތަކާއި ދުރުމީގެ އެހީގައި ކަމަށެވެ. އަދި އެޖަމާއަތުގައި 30 ވަރަކަށް މީހުން ހިމެނޭ ކަމަށްވެސް ސައުދީން ބުނެއެވެ.
ސައުދީ ސިފައިން ބުނީ މިކަމަށް ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ހޫތީންގެ ސިއްރު ކޮމިޔުނިކޭޝަނެއްވެސް ހަލާކުކޮށްލެވިފައިވާ ކަމަށެވެ. އަދި އެތަނަކީ އީރާނުގެ ހަތިޔާރު ރައްކާކުރުމަށްވެސް ބޭނުންކުރަމުން އައި ތަނެއް ކަމަށެވެ.
ސައުދީން ބުނީ އެޕާޗޭ ހެލިކޮޕްޓަރުތަކާއި ބަރުހަތިޔާރު ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނުގައި އެތަނުގައި ހުރި އީރާނުގެ ހަތިޔާރުތައް ނައްތައިލެވިފައިވާ ކަމަށެވެ. އަދި ބުދަ ދުވަހު ޝަބްވާ ޕްރޮވިންސްގެ ބައިހާން ސަރަހައްދުގައި ވަޅުލާފައިވާ 600 މައިން ނައްތައިލެވިފައިވާ ކަމަށެވެ.