ދެކުނު ކޮރެއާގެ ޕާލަމެންޓުން އެޤައުމުގެ ރައީސާ މަޤާމުން "އުފުރާލައިފި".

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދެކުނު ކޮރެއާގެ ޕާލަމެންޓުން އެޤައުމުގެ ރައީސާ މަޤާމުން "އުފުރާލައިފި".
ދެކުނު ކޮރެއާގެ ޕާލަމެންޓުން ޤައުމުގެ ރައީސާ ޕާކް ގެއުން-ހްވެ ޤައުމުގެ ރައީސްކަމުގެ މަޤާމުން މިއަދު ވަކިކޮށްފިއެވެ. ޕާލަމެންޓުން މިފަދަ ވޯޓެއް ދީ ރައީސާ ކަމުން ޕާކް ވަކިކުރަން ނިންމި ނަމަވެސް މިކަމުގައި އެންމެ ފަހު ބަސް ބުނާނީ ކޯޓުންނެވެ.

ޕާކްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ބަލައި ގޮތެއް ނިންމަން ކޯޓަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ޕާކް މަޤާމުން ވަކިކުރަން ބޭނުންވަނީ 300 މެންބަރުންގެ ތެރެއިން 201 ވޯޓު ނަމަވެސް މަޤާމުން ވަކިކުރުމަށް 234 ވޯޓު ވަނީ ލިބިފައެވެ. މިއީ ހީކުރިވަރަށްވުރެ ބޮޑު އަޣްލަބިއްޔަތެކެވެ. ވޯޓުގެ ނަތީޖާ އިއުލާނުކުރުމުން އެތައް ހާސް ބައަކު ވަނީ މަޖިލިސްކުރާގޭ ކައިރިއަށް އެއްވެ ލަވަކިޔާ ނަށައި ތާޅަފިލި ފުމެ ހަދައިފައެވެ.

އިސްރައްޔިތަކު ބުނީ ރައްޔިތުންނަކީ ވަކިވަކިން ތިބޭއިރު އެއްވެސް ބާރެއް ނެތް ބައެއް ނަމަވެސް އެނގިގެން މިދިއައީ ރައްޔިތުން އެކުގައި ނުކުތުމުން އެންމެ ބާރުގަދައީ ރައްޔިތުންކަން ކަމަށެވެ. އަދި ކޮރަޕްޓް ލީޑަރުންނަށް މަޤާމުގައި ނުތިބެވޭނެކަން މިދިއައީ އެނގިގެން ކަމަށެވެ.

އުމުރުން 64 އަހަރުގެ ޕާކަށް ދެކުނު ކޮރެއާގެ ވެރިކަން ލިބުނީ 2013 ވަނަ އަހަރުއެވެ. މިވީ ކުރުމުއްދަތުގައި އޭނާ ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކުންފުނިތަކުން ހޯދާފައެވެ.

ޕާކް ވެރިކަމަށް އައީ އޭނާގެ ބައްޕައަށް ލިބުނު ބޮޑު ތާއިދާއިއެކު ނަމަވެސް ރައްޔިތުންނުކުމެ އެ ޤައުމުގައި ކުރި އެންމެ ބޮޑެތި މުޒާހަރާތައް ޕާކް އާ ދެކޮޅަށް ކުރަމުން ގެންދާތާ ހަފްތާތަކެއް ވެއްޖެއެވެ.

ޕާކްގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުގެތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކަށް ނުފޫޒު ހިންގުމާއި ކޮރަޕްޝަންގެ ބޮދެތި މައްސަލަތައް ހިމެނެއެވެ. އެއިގެ ތެރޭގައި ދެކުނު ކޮރެއާގެ ކުންފުނިތަކުން އެތައް މިލިއަން ޑޮލަރު ހޯދައި ނާޖާއިޒު ފައިދާ ނެގުންވެސް ހިމެނެއެވެ.

ދެކުނު ކޮރެއާ އަކީ އިޤްޠިޞަދީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ދެކުނު ކޮރެއާއަކީ އެމެރިކާގެ ގޮނޑިކޮއްކޮއެއް ކަމަށް ގިނަ ބައަކު ދަނީ ތުހުމަތުކުރަމުންނެވެ. އެހެންކަމުން ޗައިނާ އާއިއެކު ވަނީ ބައެއް މައްސަލަތައް އުފެދިފައެވެ.

އެއިގެތެރޭގައި އެމެރިކާގެ މިސައިލްތަކެއް ދެކުނު ކޮރެއާގައި ބަހައްޓަން އުޅުމުން ޗައިނާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދައިފައެވެ.
މިއަދު އޮންލައިން