ސްރީލަންކާގައި ސިފައިންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެންދާ މީހުންނަށް އަނިޔާކުރާ މައްސަލަ ސަރުކާރުން ނުބަލާތީ އދ އިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
ބުދަ ދުވަހު އދގެ ފަރާތުން ބުނެފައިވަނީ ސިފައިންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެންދެވޭ މީހުންނަށް އަނިޔާކުރާ ކަމުގެ މައްސަލަތައް މިހާރުވެސް ދަނީ ހުށަހެޅެމުން ކަމަށާއި އަދި އެކަންކަން ބެލުމަށް އެންގުމުން ބަލާނެކަމަށް ބުނި ނަމަވެސް އެއްވެސް އަމަލެއް ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.
އދ އިން ބުނެފައިވަނީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެންނަން ހަނގުރާމަކުރިއިރު ތަމަޅަ ޢާންމުންނަށް ދިން ހަމަލާތަކުގެ މައްސަލަތައް ބަލަން އެއްބާރުލުން ދޭނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުދޭތީ ވެސް ކަންބޮޑުވާ ކަމަށެވެ.
ލަންކާގެ ސަރުކާރުން ބުނެފައިވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެދަށަށް ގެންދެވޭ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރަން އަމުރުކޮށްފައިވާނެ ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.