ޢާމިރު ޞަބާހްއަކީ ވަރަށް ހަގު އުމުރުން ފެށިގެން ތަފާތު ބަލިތަކުގައި އުޅެމުން އައި ކުއްޖެކެވެ. އުމުރުން 16 އަހަރުގައި ނިޔުމޯނިއާ ޖެހި އެތައް މަހެއް ވަންދެން އައިސީޔޫގައި އޮންނަން ޖެހުނެވެ.
އެގޮތަށް އައިސީޔޫގައި އޮއްވައި އޭނާއަށް އަޑުއިވުނީ ޑޮކްޓަރުން ސިއްރުން ދެއްކި ވާހަކައެކެވެ. ޑޮކްޓަރުން ބުނަމުން ގެންދިއައީ ޢާމިރު ގަދަވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. އަދި ގަދަވި ނަމަވެސް ސަލާމަތުން މާގިނަ ދުވަހު ދިރިއުޅެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. ރަނގަޅުކުރެވޭވަރަށްވުރެ އޭނާގެ ހާލަތު މާބޮޑަށް ދަށަށް ހިނގައްޖެ ކަމަށެވެ.
ބަލި ޙާލުގައި އޮތް އާމިރަށް މިއަޑުތައް އަހަން ކިތަންހައިވެސް އުނދަގޫވިއެވެ. ނަމަވެސް ޢާމިރަކީ އުމުރުން ކިތަންމެ ހަގު ނަމަވެސް މާތް ﷲ އަށް ފުރިހަމައަށް އިތުބާރުކުރާ ކުއްޖެކެވެ. މާތް ﷲ މިންވަރު ކުރެއްވެވި ގޮތަކަށް ނޫނީ އެއްވެސް ކަމެއް ނުވާނެކަން ޔަޤީންކުރާ ކުއްޖެކެވެ. އެހެންކަމުން އެވަގުތުވެސް ޢާމިރު އޭނާގެ ހުރިހައި ކަމެއް ވަކީލުކުރީ މާތް ﷲ އަށެވެ.
އެދުވަހު ހަވީރު އޭނާގެ ހާލު ދުށުމަށް އައިސީޔޫއަށް ފުރަތަމަ ވަނީ މަންމައެވެ. މަންމަ ހުރީ ފެންކަޅިވެފައެވެ. އެކަން އާމިރަށް ނުދައްކަން ނުވަތަ ނުއަންގަން މަންމަ ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރިއެވެ. ނަމަވެސް ޢާމިރުގެ ތޫނުފިލިކަން މާބޮޑެވެ.
މަންމަ ބަހެއް ނުބުނެ މަޑުކޮށްލުމުން ޢާމިރު އިސްވެ ވާހަކަދައްކަން ފެށިއެވެ. "މަންމާއެވެ. އަހަރެން ދުނިޔެއަށް އުފަން ކުރުވީ ޑޮކްޓަރުންނެއް ނޫނެވެ. މި ހޮސްޕިޓަލެއް ވެސް ނޫނެވެ. އަހަރެންގެ ފުރާނަ އެޅުއްވެވީވެސް ޑޮކްޓަރުންނެއް ނޫނެވެ. ފުރާނަ އެޅުއްވެވި ފަރާތުން ކޮންމެ މީހެއްގެ ވެސް ފުރާނަ އަޅުއްވަވަނީ ނޭވާގެ އަދަދު ކަނޑައަޅުއްވަވައިފައެވެ. އެ އަދަދު ހަމަވުމުގެ ކުރިން ބައަކު ކިތަންމެ ބޭނުންވި ނަމަވެސް މަރައެއް ނުލެވޭނެއެވެ. އަދި އެ އަދަދު ހަމަވުމުން ބައަކު ކިތަންމެ ބޭނުންވި ނަމަވެސް ދިރިއެއްވެސް ނުބެހެއްޓޭނެއެވެ.
މަންމާއެވެ. ދެރަނުވާށެވެ. އަޅުގަނޑަށް ހުރިހައި ކަމެއްވެސް ވިސްނެއެވެ. ޑޮކްޓަރުން މިއަދު ދެއްކި ވާހަކަ ވަނީ މާތް ﷲ ގެ އިޒުނަފުޅާއިއެކު އަޑު އިވިފައެވެ. ޢާމިރު ދެރައެއް ނުވެއެވެ. ކަންބޮޑެއްވެސް ނުވެއެވެ. އާމިރަށް މަންމަ ކޮށްދެއްވަން އޮތް ހަމައެކަނި ކަމަކީ ޑޮކްޓަރުން އުންމީދު ކަނޑައިލި ނަމަވެސް މަންމަ އުންމީދު ކަނޑުއްވައި ނުލެއްވުމެވެ. ޢާމިރަށްޓަކައި ހެޔޮ ދުޢާކޮށްދެއްވުންމަތީގައި ދެމިހުންނެވުމެވެ."
ޢާމިރުގެ ބަސްތައް އަޑުއިވުމުން މަންމައަށް ލިބުނީ ވަރަށް ބޮޑު ހިތްވަރެކެވެ. "ދަރިފުޅާއެވެ. މަންމަ އަބަދުވެސް ހުންނާނީ ތިއަ ދަރިފުޅަށް ހެޔޮ އެދިގެން ކޮށްދެވެން އޮތް ކަމެއްވެސް ކޮށްދިނުމަށް ތައްޔާރަށެވެ. ދަރިފުޅަށްޓަކައި އަބަދުވެސް ހެޔޮ ދުޢާކުރަމެވެ. އަދިވެސް ދުޢާކުރާނަމެވެ. އުންމީދު ވެސް ކަނޑައެއް ނުލާނަމެވެ. ދަރިފުޅުގެ ހިތްވަރުގަދަކަމަށާއި ސާބިތުކަމަށް ހަމަ ހާސްފަށުން ސާބަހެވެ."
"މަންމަގެ ތިއަ ބަސްފުޅުތަކުންވެސް އިތުރު ދިރުމެއް ޢާމިރަށް ލިބިއްޖެހެން އެބަހީވެއެވެ. މޭގައި ރިއްސުން މިހާރުވެސް ކުޑަވާހެން އެބަ ހީވެއެވެ."
ޑޮކްޓަރުން ޢާމިރު އައިސީޔޫ އިން ނެރުނީ އެއިގެވެސް މަހެއްހައި ދުވަސް ފަހުންނެވެ. ހޮސްޕިޓަލުން ގެއަށް ފޮނުވީ އަދި އެއިގެ ވެސް މަހެއްހައި ދުވަސް ފަހުންނެވެ.
ޢާމިރަށް އާދައިގެ ގޮތެއްގައި ހަރަކާތްތެރިވެ އުޅެވެން ފެށީ އެއިގެ 2 އަހަރު ފަހުން އުމުރުން 18 އަހަރުގައެވެ. ހަަރަކާތްތެރިވެވުނު ނަމަވެސް ވަރުބަލި ކަމެއް ހުރެއެވެ.
އުމުރުން 20 އަހަރުގައި ޢާމިރު ޤަޞްދުކުރީ ސިފައިންގެ ތެރެއަށް ވަންނާށެވެ. އެކަމަށް ހުޅުވައިލި ފުރުޞަތުގައި އާމިރު ވެސް ފޯމް ހުށަހެޅިއެވެ. ޢާމިރުގެ މެޑިކަލް ރެކޯޑްތަކަށް ބެލުމަށްފަހު ވަރަށް ގިނަ ސުވާލުތައް ކުރިމަތިކުރުވިއެވެ. އެހުރިހައި ސުވާލުތަކަށް ޢާމިރު ވަރަށް ފުރިހަމައަށް ޖަވާބު ދިނެވެ. އާމިރުގެ ނިޔަތާއި ހިތްވަރަށް، އަދި މާތް ﷲ އަށް ކުރާ އިތުބާރަށް ބަލައި ސިފައިންގެ ތަމްރީނަށް ޢާމިރުވެސް ހޮވިއެވެ.
އެއިގެ 6 އަހަރު ފަހުން 2005 ވަނަ އަހަރު ފަލަސްޠީނާއި އިޒްރޭލާއި ދެމެދުގައި ހިނގި ހަނގުރާމަތަކުގައި ޢާމިރަކީ އެންމެ މުހިންމު އެއް ފަހުލަވާނެވެ. ފަލަސްޠީނުގެ ރައްޔިތުން ދިފާއު ކުރުމުގައި އެންމެ ބޮޑެތި ކާމިޔާބީތައް ޙާޞިލު ކުރި ޕްލެޓޫންގެ ކޮމާންޑަރެވެ. މިއަދުވެސް ޢާމިރަކީ ފަލަސްޠީނުގެ ރައްޔިތުން ދިފާއުކުރުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަ އެއް ކޮމާންޑަރެވެ.