މަންމަ ރޮއްވާތީ ﷲ ކޯފާލައްވާނޭ ބުނީމަ މަންމަގެ ބޯކަނޑަން އައި މީހުންނަށް ކެނޑުނީ އަހަރެންގެ ފައި: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
މަންމަ ރޮއްވާތީ ﷲ ކޯފާލައްވާނޭ ބުނީމަ މަންމަގެ ބޯކަނޑަން އައި މީހުންނަށް ކެނޑުނީ އަހަރެންގެ ފައި: ސަމީރު
ސަމީރު ނީޞްބަތްވަނީ ޕަންޖާބްގެ މެދުމިނުގެ އާއިލާއަކަށެވެ. ސަމީރުގެ ބައްޕައަކީ އާދައިގެ ވިޔަފާރިވެރިއެކެވެ. ލިބޭ އާމްދަނީން އާއިލާއަށް އުފަލުގައި ދިރިއުޅެލެވޭވަރުވެއެވެ. އެހެންކަމުން ޢާއިލާ ދިރިއުޅެމުން ދިއައީ ވަރަށް އުފަލުގައެވެ.

ސަމީރުބުނީ ޢޭނާގެ އުމުރުން 13 އަހަރަށް އޮއްވައި އޭނާގެ ބައްޕަ ނިޔާވީ ކަމަށެވެ. އެހިސާބުން ބައްޕަގެ އާއިލާއިން ބޭނުންވީ ބައްޕަގެ ފިހާރަ އަތުލަން ކަމަށެވެ. ނަމަވެސް މަންމައަށް އެމީހުންގެ ގޮތް އެނގޭތީ ފިހާރަ އެމީހުންނަށް ދޫކޮށްލަން ބޭނުން ނުވީ ކަމަށެވެ.

ސަމީރު ބުނީ މަންމަ އެދެމުން ދިއައީ ބައްޕަގެ މުދާ ބަހައި ވާރުތަ ބައި އެމީހުން ގެންދިއުމަށް ކަމަށެވެ. އަދި ދަރިންނާއި މަންމަގެ ބައި މަންމައާއި ހަވާލުކުރަން ކަމަށެވެ. މަންމަ އެގޮތަށް ބުނުމުން އެމީހުން އަހަރެމެން އެންމެން ބަލާނެ ކަމަށް ބުނުމުންވެސް މަންމަ އެމީހުންނަށް އިތުބާރު ނުކުރީ ކަމަށެވެ.

ސަމީރު ބުނީ އެމީހުން ދައްކާ ވާހަކަ މަންމަ ޤަބޫލުނުކުރީ އެމީހުންގެ ހަޤީޤަތް މަންމައަށް ރަނގަޅަށް އެނގޭތީ ކަމަށާއި އަބަދުވެސް ބައްޕައަށް މަކަރު ހަދަމުން ދިއަބައަކު މަންމައަށް ތެދުވެރިނުވާނެކަން މަންމައަށް ޔަޤީންކުރެވޭތީ ކަމަށެވެ.

"ދެން އެމީހުން ކުރާ ކަމަކީ ކޮންމެ ދުވަހަކު ގެއަށް އައިސް މަންމަ ދެރަކުރުން. ހިތަށް އައިހައި އެއްޗެއް ކިޔާ. މަންމަ އިންނާނެ އަޑުއަހާފަ ރޯން. މަންމަ އެއްވެސް ބަހެއް ނުބުނާނެ."

ސަމީރު ބުނީ ބައްޕަ ނިޔާވިތާ އަހަރެއްހައި ދުވަސް ފަހުން ސަމީރުގެ އުމުރުން 14 އަަހަރުގައި ސްކޫލް ނިމިގެން ގެއަށް އާދެވުނު އިރު ބޭބެމެން އާދައިގެ މަތިން ގެއަށް އައިސް މަންމަ ރޮއްވަނީ ކަމަށެވެ.

"އެމީހުން މަންމައަށް އެއްޗެތި ކިޔަމުން ގޮސް ބުނީ މަންމަ އަކީ ޒިނޭކުރާ މީހެކޭ. އަހަރެމްންނަކީ ބައްޕަގެ ދަރިންނެއްވެސް ނޫނޭ. މަންމަ އެހެން ގޮތަކުން ހޯދި ދަރިންނޭ. އަހަރެން ކިތަންމެ ކުޑަ ނަމަވެސް އެކީ އެއްޗެތި އެނގުނު. އަހަރެންނަކަށް ކެތެއް ނުކުރެވުނު. ފުރަތަމަ ފަހަރަށް ބޭބެ މެންނާ ދިމާއަށް އެއްޗެކޭ ބުނިން. އެދުވަހު. އަހަރެން ބުނިން އެހެންވިއްޔާ ބޭބެމެންނަށް ހުރިހާ ކަމެއް އެނގޭއިރު އަހަރެމެންގެ ބައްޕަ ގެނެސް ނިކަން އަހަރެމެންނަށް ދައްކަބަލާށޭ. ބައްޕަ ނިޔާވި އިރު ދުވަހަކުވެސް ތިއަ ޒާތުގެ ވާހަކައެއް ނުދައްކައޭ. އަދި ބުނިން ކޮންމެ ދުވަހަކު ތިއަގޮތަށް މަންމަ ރޮއްވަންޏާ ﷲ ބޭބެ މެންނަށް ކޯފާ ލައްވާނޭ މުދައްރިސް ބުންޏޭ. އެހެންބުނީމަ ހަގު ބޭބެ އަހަރެންގެ އަނގަމަތީގަ ޖަހާ ފަޅާލާފަ ގެއިން ނުކުމެގެންދިއައީ."

ސަމީރު ބުނީ އެރޭ ނިދަން އުޅެއުޅެއުޅެވެސް ނުނިދުނު ކަމަށެވެ. މަންމަ ކައިރީގައި އޮންނަހިތް ވާވަރުން މަންމަގެ ރުހުން ހޯދައިގެން މަންގެ އެނދުގައި އޮށޯވެ އޮތުމުންވެސް ނިދި ނާންނަ ކަމަށެވެ.

"އެހެން އޮއްވާ އިވިއްޖެ ބައަކު ގޭ ދޮރާ ކުޅޭއަޑު. މަންމައަށް އޮތީ އެއިރު ނިދިފަ. ދެން މަންމަ ހޭލައްވާފަ ބުނިން ބައަކު ގެއަށް އެބަވަދެއޭ. މަންމަ ބުނީ ގިނަގިނައިން ﷲ އަކްބަރު ކިޔާށޭ. މަންމަވެސް ކިޔާނަމޭ. ހޭލާ އޮތް ކަމަށް ނުހެދޭށޭ. އެވާނީ ވައްކަންކުރާ ބައަކަށޭ. ހޭލާ ތިބިކަން އެނގިއްޖިއްޔާ އައިސް އެންމެން މަރާނޭ. މަންމަ މަނާކުރި ބޮކީގެ އަލިގަދަކުރަންވެސް."

ސަމީރު ބުނީ އެހެން ތިއްބާ ކުއްލިއަކަށް ދެމީހަކު ސަމީރުމެން ނިދަންތިބި ކޮޓަރިއަށް ވަން ކަމަށާއި އެމީހުން ތިބީ މޫނު ފޮރުވައިގެން ކަމަށެވެ. އެތަނުން އެކަކު މަޑުމަޑުން އައިސް ބޮޑު ވަޅިއެއް ނަގާފައި އުޅުނީ މަންމަގެ ކަރު ބުރިކޮށްލަން ކަމަށެވެ.

"އެވަގުތު އަހަރެން ކުއްލިއަކަށް އެނބުރިލާފައި އުޅުނީ އެމީހާގެ އަތުގައި ފައިންޖަހަން. ޖޫޑޯ ކްލާހަށް ދާތީ ފައިން ޖެހޭނެ ކަމުގެ ޔަޤީންކަމާއިއެކު ފައި ޙޫރާލިން. އެއީ އެމީހުން މަންމަގެ ކަރު ބުރިކުރަން ވަޅިން ހަމަލާދިން ވަގުތު. އެހެންވެ އަހަރެންގެ އެމީހުން ދިން ހަމަލާގަ ބުރިވީ އަހަރެންގެ ކަނައަތު ފައި. އެހިސާބުން އެމީހުން ދުވެފިލީ."

ސަމީރު ބުނީ އޭނާ ތެޅިގަތުމުން މަންމަ ބޮކީގެ އަލި ގަދަކުރި ކަމަށާއި ހަމަލާދިނީ ބޮޑުބޭބެކަން ޔަޤީން ކުރެވުނު ކަމަށެވެ.

ސަމީރު ބުނީ މަންމަ ރޮއި އަޑުގަދަކުރަން ފެށުމުން އަވަށްޓެރިން ވަގުތުން އައި ކަމަށާއި ސަމީރު ހޮސްޕިޓަލަށް ގެންދިއަ ކަމަށެވެ. "ހަމަލާ އަރާފައި ހުރީ ކަށި މައްޗަށް. ހަމަލާދިން ބާރުކަމުން ކަށިގަނޑު އިނީ ވަކިވާން ކައިރިވެފަ، ޑޮކްޓަރުން ވަރަށް މަސައްކަތްކޮށްގެން ފައި ސަލާމަތްކުރެވުނީ. ވަރަށް ގިނަ ދުވަސް ނެގި ކަށި އަރާ ކަށިގަނޑު ބެދެން."

ސަމީރު ބުނީ ސަމީރުގެ މަންމައަކީ ގުޖްރާތަށް ނިޞްބަތްވާ އަންހެނެއް ކަމަށެވެ. އެހެންކަމުން މިހާދިސާގެ ޚަބަރު ލިބުމުން މަންމަގެ އާއިލާގެ މީހުން ޕަންޖާބަށް އައިސް ޢާއިލާ އެކުގައި ގުޖްރާތަށް ގެންދިއައީ ކަމަށެވެ. އަދި ދަމުން ދިއައީ ބައްޕަގެ ހުރިހާ މުދަލަކާއި ގެދޮރު ވިކުނު އަގަކަށް ވިއްކާލައި ލިބުނު ފައިސާ އެސަރަހައްދުގައި ތިބި ފަޤީރުންނަށް ބަހައި ހުސްކޮށްފައި ކަމަށެވެ.

"ބޭބެ ބުނީ އެހެން ނުހެދިއްޔާ އަނެއްކާ އެމީހުން ގުޖްރާތަށް އަންނާނެކަމަށް. އަދި އެމީހުން ކުރިމަތީގައި ބަހައި ހުސްކުރީމާ ބައްޕަގެ އެއްވެސް އެއްޗެއް ނުގެންދާކަން އެމީހުންނަށް އެނގޭނެކަމަށް. ފައިސާތައް ބަހަމުން ބޭބެ ބުނަނީ މިއީ ބައްޕަގެ ފައިސާއޭ. ކަލޭމެން ކޮށްދޭންވީ ކަމަކީ ބައްޕައަށް ހެޔޮ ދުޢާކޮށްދިނުން ކަމަށް."

ސަމީރު ބުނީ މަންމަގެ އާއިލާއަކީވެސް ބައްޕަ ފަދައިން ހަމަ މެދުމިނުގެ އާއިލާއެއް ކަމަށެވެ. "ތަފާތަކީ އާއިލާގެ އެންމެންގެ އެކުވެރިކަން. ކޮންމެ ހުކުރު ދުވަހަކު ހުރިހައި އެންމެން އަންނަނީ މާމަގެއަށް. އަހަރެމެންވެސް އުޅުނީ މާމަގޭގަ. އެފަދަ ބައްދަލުވުމެއް ބައްޕަގެ އާއިލާއިން ދުވަހަކުވެސް ނުދެކެން. އެމީހުން އަބަދުވެސް ބައްޕަ ހޯދަން އަންނާނީ ކޮންމެވެސް އެއްޗެއް ހޯދަން."

މައިފުށުގެ (މަންމަ ފަރާތުގެ) ތިމާގެ މީހުންގެ އެހީތެރިކަމުގައި ކިޔަވައިގެން ސަމީރަކީ މިހާރު ގުޖްރާތުގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮތްޕެއްގެ މެނޭޖަރެވެ. ސަމީރުގެ ހަގަށް ތިބި ދެ ކޮއްކޮ ވެސް ކިޔަވައިގެން މިހާރު އުޅެނީ ރަނަގަޅު ވަޒީފާގައެވެ. 3 ބެއިންވެސް ކައިވެނިކޮށްގެން ދިރިއުޅެމުން ދަނީ އުފަލުގައެވެ. މާމަގެ ގެ މިހާރު ވަނީ ސަމީރުގެ މަންމައަށް އާއިލާއިން ހަދިޔާކޮށްފައެވެ. 3 ބެއިން އެމީހުންގެ މުސްކުޅި މަންމަ ގޮވައިގެން އުޅެމުން ދަނީ ނުހަނު އުފަލުގައެވެ.

ސަމީރަކީ މިހާރު މާޝަލް އާޓްސް އިން ބްލެކް ބެލްޓް ޙޯދައިގެން ހުރި މީހެކެވެ. ސަމީރު ބުނީ މާޝަލް އާޓްސް ދޫނުކުރާނެ ކަމަށާއި އޭނާގެ ފައިބުރިވި ނަމަވެސް މަންމަގެ ފުރާނަ ސަލާމަތް ކުރެވުނީ ޖޫޑޯ ކްލާހަށް އެއިރުވެސް ދާތީ ކަމަށެވެ. އަދި އެހަނދާންތައް ދުވަހަކުވެސް ނުފިލާނެ ކަމަށެވެ.
މިއަދު އޮންލައިން