ޝޫރާ މަޖިލިސް އައްޔަންކުރައްވަނީ ވަކިމީހަކަށް ޚިދުމަތްކުރަން ނޫން ކަމަށާއި ޤައުމުގެ ހުރިހައި ރައްޔިތުންނަށް ޚިދުމަތްކުރަން ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވީ ޝޫރާ މަޖިލިސްގެ އައު ދައުރުގެ މެންބަރުންނާއި މަޖިލީހުގެ ރައީސް ހުވާކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ ޝޫރާ މަޖިލީހުން ފާސްކުރާ ކޮންމެ ފާސްކުރުމަކަށް ޚާއްޞަ ސަމާލުކަމެއް އެމަނިކުފާނު ދެއްވަވާނެ ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންވެސް ދޭނެ ކަމަށެވެ. "ކަލޭމެން ކޮންމެ މީހަކީވެސް ޤައުމުގެ ކޮންމެވެސް ސަރަހައްދަކަށް ނިޞްބަތްވާ މީހެއް. އެހެންވީމާ އެންމެންވެސް މަސައްކަތްކުރަންވާނީ ޤައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ."
"ކަންކަން ނިންމާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ އެކަމެއްގައި މާތްﷲ އަންގަވާފައިވާ ގޮތަށް ކަންކަން ނިންމަން. ދެން އިސްކަންޑޭންޖެހޭނީ ޤައުމާއި ރައްޔިތުންގެ ހައްޤުތަކަށް." ކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.