ހަންފެތުރުމުގެ ފުރުޞަތު ޓެރަރިސްޓް ޖަމާއަތްތަކަށް ނުދޭނަން: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހަންފެތުރުމުގެ ފުރުޞަތު ޓެރަރިސްޓް ޖަމާއަތްތަކަށް ނުދޭނަން: ސަލްމާން ރަސްގެފާނު
ޓެރަރިސްޓް ހަމަލާތައްދީ މުޖުތަމައުތަކަށް ޓެރަރިޒަމް ޢާންމުކުރަމުންގެންދާ ޓެރަރިސްޓް ޖަމާއަތްތަކަށް "ހަން ފެތުރުމުގެ" ފުރުޞަތު ނުދެއްވާނެ ކަމަށް ސައުދިއަރަބިޔާގެ ަރަސްފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވީ ޝޫރާ މަޖިލިސް އައު ދައުރަކަށް އައްޔަނުކުރައްވައި މެންބަރުން ހުވާ ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ ޓެރަރިޒަމް ނައްތާލައިގެން ނޫނީ ދުނިޔެއަށް ހަމަޖެހުމެއް އަދި ކުރިއެރުމެއްވެސް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމާއި ދެކޮޅަށް ދުނިޔޭގައި ހިންގާ ހަރަކާތްތަކުގައި ސައުދިއަރަބިޔާގެ ބައިވެރިވުން އިތުރުކުރައްވާނެ ކަމަށެވެ.

"ޢަރަބި ދުނިޔޭގައި އެގެންދަނީ ޓެރަރިޒަމްގެ ހަމަލާތައް ދެމުން. ކޮންމެ ދުވަހަކު އެތައް ބައަކު މަރަމުން. މާތްﷲގެ ވާގިފުޅާއިއެކު މިއަނިޔާވެރިކަން ނައްތައިލާނަން."

ސަލްމާން ރަސްގެފާނު ވިދާޅުވީ މުޖުތަމައުތަކުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ނައްތާލުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކުރުން ކަމަށާއި ޓެރަރިޒަމްގެ އަމަލުތައް ކުރުން ނޫން ކަމަށެވެ. އަދި ހަރުކަށިކަން އިސްކުރާނަމަ އެއްވެސް ޤައުމެއް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުން ލިބޭ ގެއްލުންތައް ފޫބައްދަން ބޮޑެތި ޚަރަދުކުރަންޖެހޭ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްޠިޞާދު މިދަނީ އިނދަޖެހެމުން ކަމަށެވެ. "ޤައުމުތައް މިދަނީ މާލީ ފުންވަޅުގަނޑަކަށް ވެށްޓެމުން. އަރައިނުގަނެވޭ ފެންވަރަށް އެތައް ޤައުމެއްގެ ހާލަތު މިވަނީ ވެށްޓިފަ."

ސަލްމާން ރަސްގެފާނު ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ގިނަ ގުނަ ހަރަކާތްތައް ހިންގަން ޖެހުމުން ސައުދީގެ މާލީ ހާލަތަށް ވަނީ ދަތިތައް ކުރިމަތިވެފައިކަމަށާއި އެކަމުގެ ސަބަބުން ތަރައްޤީއަށް ހުރަސް އެޅި ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ އިންވެގެން އޮތް ޔަމަނުގެ ސަލާމަތާއި ރައްކައުތެރިކަމަކީ ސައުދިއަރަބިޔާގެ ސަލާމަތާއި ރައްކައުތެރިކަމަކާއި ގުޅި ލާމެހިފައިވާ ކަމަކަށްވާއިރު ޔަމަނަށް ހަމަޖެހުން ގެންނަވާނެ ކަމަށެވެ. އެހެން ޤައުމުތަކުގެ (އީރާނުގެ) ނުފޫޒުން ޔަމަނު ސަލާމަތް ކުރައްވަވާނެ ކަމަށެވެ.

އދ އާއި އަރަބި ޖަމާއަތްތަކުގެ އެހީތެރިކަމާއިއެކު ޔަމަނުގެ މައްސަލަތަކަށް ޙައްލު ހޯއްދެވޭނެކަމުގެ ފުރިހަމަ އުންމީދު އެބައޮތްކަންވެސް ސަލްމާން ރަސްގެފާނު ވަނީ ހާމަކުރައްވައިފައެވެ.
މިއަދު އޮންލައިން