އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ހަމަލާދޭން މަސައްކަތް ކުރި މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ޓްރަމްޕަށް ހަމަލާދޭން މަސައްކަތް ކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ މައިކަލް ސެންފޯޑު( 20 އަހަރު) އެވެ.
ޓްރަމްޕަށް ހަމަލަދޭން އެމީހާ މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ "ލަސް ވެގަސް" ގައި، ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށްނެވެ. މި ކަން ހިނގާފައިވަނީ މިއަހަރުގެ ޖޫން މަހު 18 ވަނަ ދުވަހުއެވެ.
އެމެރިކާގެ "ލަސް ވެގަސް" ކޯޓުގައި އެމީހާއާ ދެކޮޅަށް އުފުލާފައިވަނީ ނާޖާއިޒު ގޮތެއްގައި ހަތިޔާރު ގެންގުޅުމާއި، އެހަތިޔާރު ބޭނުން ކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ދައުވާއެވެ. އެ މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް އެކޯޓުން ހުކުމް ކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ސެންފޯޑަކީ އޯޓިޒަމް ގެ ޝިކާރައަކަށް ވެފައިވާ ޒުވާނެއް ކަމަށް މިޑިއާގައި ބުނެފައިވެއެވެ. ފުލުހުންގެ ތަހުގީގުގަ އި އޭނާ ބުނެފައިވަނީ އެކަމަކީ ރޭވިގެން ޓްރަމްޕަށް ހަމަލަދޭން ގަސްތުގައި އޭނާ ކޮށްފައިވާ ކަމެއް ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެންފޯޑުގެ މަންމަ، ލީނީ ތުހުމަތު ކޮށްފައިވަނީ އެނާގެ ދަރިފުޅަށް ކޮށްފައިވާ ހުކުމަކީ ނުފޫޒުގެ ބޭނުންކޮށްގެން ޓްރަމްޕް ކުރައްވާފައިވާ ކަމެއް ކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ކުރައްވަން ޓްރަމްޕް މަސައްކަތް ކުރައްވަފާނެތީ ބިރުގަންނަ ކަމަށްވެސް ސެންފޯޑުގެ މަންމަ ބުންޏެވެ.
ސެންފޯޑަށް ހުކުމް ކުރި ދުވަހު އޭނާގެ އަންހެން ކޮއްކޮ ފަނޑިޔާރާ މުހާތަބުކޮށް ބުނެފައި ވަނީ "މައިކަލް އަކީ އަހަރެންގެ ހުރިހާ އެއްޗެއް. އޭނާ ކުރީ ވަރަށްބޮޑު ކުށެއް. އޭނާގެ ނިންމުމަކީ ގޯސް ނިންމުމެއް. އެކަމަކު އޭނާ އެ ހާލުގައި މި މާހައުލުގައި އުޅޭތަން ދެކެން އަހަރެންގެ ހިތަކަށް ކެތެއް ނުކުރެވޭނެ. އިނގިރޭސި ވިލާތުގެ ގިނަ ރައްޔިތުން ތަކަކަށް އެނގޭނެ މައިކަލްގެ މި ފެނަންނަ މޫނަކީ އަސްލެއް ނޫންކަން. އެންމެން ވެސް ގަބޫލު ކުރާނެ މައިކަލް އަކީ އޯގާތެރި މީހެއް ކަމަށް. މައިކަލް އަށް ބޭނުން ވަނީ ރަނގަޅު ސައިކޭޓްރިކް ފަރުވާ. އޭނާ އަށް ބޭނުން ވަނީ އަމިއްލަ ގޭގައި ދިރިއުޅުމުގެ ފުރުސަތު،"
ސެންފޯޑުގެ ވަކީލު ބުނި ޓްރަމްޕަށް ހަމަލާދޭން އުޅުމުގެ ތުހުމަތުފައި ސެންފޯޑު ހައްޔަރު ކޮށްފައި ހުންނަތާ މިހާރު މިއީ ހަތަރުވަނަ މަސްކަމަށެވެ.