އުރުސުލާ ހެދުންކޮޅު ބަދަލު ކުރައްވަން އިންކާރު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އުރުސުލާ ހެދުންކޮޅު ބަދަލު ކުރައްވަން އިންކާރު ކުރައްވައިފި
ޖަރުމަން ވިލާތުގެ ޑިފެންސް މިނިސްޓަރު އުރްސުލާ ވޮން ޑާރ ލެޔެން ސައުދި އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަނާގެ ހެދުންކޮޅު ހިޖާބު ހެދުންކޮޅަކަށް ބަދަލު ކުރެއްވުމަށް އިންކާރު ކުރައްވައިފިއެވެ.

މިކަމަށް އިންކާރު ކުރައްވަމުން އޭނާ ވިދާޅުވީ ބޭނުންފުޅު ހެދުމެއް ތުރުކުރެއްވުމުގެ އިޚުތިޔާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް އޮންނަ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ "ޑެޕިއުޓީ ކުރައުން ޕްރިންސް" ސަލްމާން އަބްދުލް އަޒީޒް އަލް ސައުދު އާއި ބައްދަލު ކުރެއްވުމަށް ޑިފެންސް މިނިސްޓަރު ވަޑައިގަތީ ކޯޓު ފަޓުލޫނު ތުރުކުރައްވައިގެންނެވެ.

ސައުދީ ޕްރިންސް ވަނީ ޑިފެންސް މިނިސްޓަރުގެ މި ނިންމުމަށް އިހްތިރާމް ކުރައްވާފައެވެ.

ސައުދީ ޕްރިންސް ވަނީ ހިނިތުން ވުމާއެކު ޑިފެންސް މިނިސްޓަރާއި އޭނާގެ ވަފުދުގެ ބޭފުޅުންނާ އަތާއިއަތްޖޯޑު ކުރައްވައި ސަލާމް ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުން އޮތީ ސައުދި އަރަބީއްޔާގެ ވެރި ރަށް ރިޔާޒުގެ "ދިވާން ޕެލަސް"ގައެވެ.

ޑިފެންސް މިނިސްޓަރާއި ހަވާލާދީ ޖަރުމަނުގެ ނޫހެއް ކަމަށްވާ "ޑަސް ބިލްޑް" ގައި ބުނެފައިވަނީ އެކަމަނާގެ ވަފުދުގެ އެއްވެސް އަންހެނަކު އެ ދަތުރުގައި އަބާޔާ ލާން ނުޖެހޭ ކަމަށެވެ.

އަދި އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ފިރިހެނުން ނެކޭ އެއްފަދައަކުން ލާނެ ހެދުން އިޚްތިޔާރު ކުރުމުގެ ހައްގު އަންހެނުންނަށް ވެސް ލިބިގެނަވާ ކަމަށެވެ. އަދި އަންހެނުންނަށް ގަދަ ބާރު ދައްކައިގެން ގަދަ ކަމުން އަބާޔާ ލެއްވުމަކީ އެކަމަނާ ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިއީ ސައުދީ ޝާހީ އާއިލާއާ، އިސްތަށިގަނޑު ނިވާ ނުކޮށް ތިބޭ އަންހެނުން ބައްދަލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އޮބާމާގެ އަނބިކަނބަލުންވެސް ހެދުންކޮޅު ބަދަލު ކުރައްވާފައެއް ނުވެއެވެ.
މިއަދު އޮންލައިން