ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ގޮވައިލައްވަވާ އިލްމުވެރިއަކަށް ބަދަލުވެވަޑައިގެން އިސްލާމް ދީނަށް ޚިދުމަތް ކުރައްވަމުން ގެންދެވި ޖުނައިދު ޖަމްޝީދުގެ ޖަނާޒާ އެތައް ހާސް މީހުންގެ ބައިވެރިވުމާއިއެކު ބާއްވައިފިއެވެ.
ޖުނައިދު ޖަމްޝީދުގެ ހަށިކޮޅުގެ ބައިތައް އިސްލާމް އާބާދުން ކަރާޗީއަށް ގެނައީ މިދިއަ ބުދަ ދުވަހުއެވެ. ޖަނާޒާ ބޭއްވީ ބުރާސްފަތިދުވަހުއެވެ.
ފްލައިޓް ވެށްޓުނު ހާދިސާގައި ނިޔާވި ޖުނައިދު ޖަމްޝީދުގެ އަނބިކަނބަލުން ނޭހާގެ ޖަނާޒާ ބޭއްވީ ލާހޫރުގައެވެ.
ޖުނައިދު ޖަމްޝީދުގެ ޖަނާޒާގައި އެތައް ހާސް ޢާންމު ރައްޔިތުންގެ އިތުރުން ސިޔާސީ ލީޑަރުންނާއި ތަފާތު ފަންނުތަކުގެ އެންމެ އިސްބޭކަލުން ބައިވެރިވެލެއްވިއެވެ.
ޖުނައިދު ޖަމްޝީދަކީ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެތެރޭގައި ހިމެނިވަޑައިގެންފައިވާ ބޭކަލެކެވެ. އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތައް ކުރައްވައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތް މަތިވެރިކުރެއްވުމަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދެވި ބޭކަލެކެވެ. އެތައް މިލިއަން މުސްލިމުންގެ ލޯބި ހޯދަވާފައިވާ ބޭކަލެއްވެސް މެއެވެ.