ސީރިޔާގެ ހަލްބުގައި މިހާރު ގަދައަށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ތާށިވެފައިތިބި 20،000 މީހުން ސަލާމަތް ސަރަހައްދުތަކަށް މިއަދު ގެންދެވިފައިވާ ކަމަށް ތުރުކީން ބުނެފިއެވެ. ސަލާމަތް ސަރަހައްދުތަކަށް ގެންދެވުނު މީހުންގެ ތެރޭގައި ޔަތީމްޚާނާގައި ތިބި 50 ކުޑަކުދިން ހިމެނޭކަން އދ އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ބަސްތަކުގައި މިމީހުން ގެންގޮސްފައިވަނީ އިރުމަތީ ހަލްބުގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެދަށުގައިވާ ސަރަހައްދުތަކަށެވެ. ތުރުކީން ބުނީ މި އޮޕަރޭޝަންތައް ހިންގުނީ މިއަދު ކަމަށާއި އޮޕަރޭޝަންތައް ހިންގުނީ ބައްޝާރުގެ ސިފައިންނާއި އިދިކޮލު ހަނގުރާމަވެރިން ދޫދިނުމުން ކަމަށެވެ.
މީގެ އިތުރުން އިދްލިބްގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 500 މީހަކުވެސް ވަނީ ސަލާމަތް ސަރަހައްދުތަކަށް މިއަދު ގެންގޮސްފައެވެ.
ހަލްބުގައި މިމޫސުމުގައި ރޭގަނޑުގެ ފިނިމިން ހުރީ މައިނަސް 5 ޑިގްރީގައެވެ. އެހްންކަމާއިއެކުވެސް އެތައް ހާސް ބައަކު ރަޖާގަނޑެއްވެސް ނެތި ނިދަނީ މަގުމަތީގައެވެ. ކާނެ އެތިކޮޅެއް ލިބެނީ ވަރަށް މަދުންނެވެ. އެހެންކަމުން ހަލްބު މިހާރު ވަނީ ދުނިޔެމަތީގެ "ނަރަކަ" އަކަށް ބަދަލުވެފައެވެ.