އައްޑޫ ސިޓީ ހިތަދޫގެ އަވަށްތަކުގެ އަންހެނުންނަށް ހުޅުވާލައިގެން ފުޓުސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މިއީ މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިއީ ހިތަދުއަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވިޔަސް އެހެން ރަށްރަށުގެ ކުޅުންތެރިންނަށް ހިތަދޫ ޓީމުތަކަށް ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޖަމްއިއްޔާއިން މައުލޫމާތު ދިނެވެ.
މުބާރާތް ބާއްވާނީ އަންނައަހަރުގެ ފެބުރުއަރީމަހުގެ 5 އިން 7 އަށެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ ޖެނުއަރީ 29 ގައެވެ. މުބާރާތް އޮންނާނީ ހިތަދޫ ޔޫތު ސެންޓަރުގެ ފުޓުސަލް ދަނޑުގައެވެ.
މިއީ އެމްސީޔޫގެ އަންނައަހަރުގެ ކުޅިވަރު ހަރަކާތް ފެށުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. މުބާރާތް ކުރިއަށްދާއިރު ފަންޑު ފޮށިތަކެއް ބަހައްޓާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ. އެއިން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލުގައި ކިޔަވަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ހިތަދޫ އީހަބު ފިހާރައެވެ. އޮފިޝަލް ޕާޓްނަރަކީ މެގަ ޓެކްސީއެވެ.